03 Aug 2016, 12:36
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތ. އަތޮޅުގެ ފައިނަލަށް ތިމަރަފުށްޓާއި ގުރައިދޫ ދަތުރުކޮށްފި އެވެ.
ތ. އަތޮޅުގެ ފައިނަލަށް ގްރޫޕް އެކެއްގެ އެއް ވަނައިގެ ގޮތުގައި ތިމަަރަފުށި ދަތުރުކުރި އިރު، ގުރައިދޫ ދަތުރުކުރީ ގްރޫޕް ދޭއްގެ އެއް ވަނައިގެ ގޮތުގައެވެ.
ގްރޫޕް އެކެއްގައި ތިމަރަފުށި ކުޅުނު ފަހު މެޗުގައި މިދިޔަ ހޯމަ ދުވަހު ކިނބިދޫ އަތުން ވަނީ 4-0 ލަނޑުން މޮޅުވެފަ އެވެ. އަދި ގްރޫޕް ދޭއްގައި ގުރައިދޫ ކުޅުނު ފަހު މެޗުގައި އިއްޔެ ވިލިފުށްޓާ ދެކޮޅަށް ކުޅުނު މެޗު 1-1 ލަނޑުން ވަނީ އެއްވަރުވެފަ އެވެ. ގްރޫޕް އެކެއްގެ މެޗުތައް ތިމަރަފުށީ ދަނޑުގައި ކުރިއަށްދިޔަ އިރު، ގްރޫޕް ދޭއްގެ މެޗުތައް ކުރިއަށްދިޔައީ ގުރައިދޫ ދަނޑުގައެވެ.
ގްރޫޕް އެކެއްގެ ޕޮއިންޓް ތާވަލުގެ އެއް ވަނަ ތިމަރަފުށިން ހޯދީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ހިރިލަންދޫ އަދި ތިން ވަނައިގައި އޮތް ވަންދޫ އަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ކިނބިދޫ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ގްރޫޕް ދޭއްގެ ޕޮއިންޓް ތާވަލުގެ އެއް ވަނަ ގުރައިދޫ އިން ހޯދީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ވޭމަންޑޫ އަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ވިލިފުށްޓަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ތ. އަތޮޅު ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ތިމަރަފުށްޓާއި ގުރައިދޫގެ ފުރަތަމަ މެޗު މި މަހުގެ 11 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ތިމަރަފުށީގައެވެ. އަދި ދެވަނަ މެޗު މި މަހުގެ 14 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ގުރައިދޫގައެވެ.
ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަޔަކުން ފުރުސަތު ލިބިގެންދާނެ އެވެ. ޒޯން ހައެއްގައި ތ. އަތޮޅުގެ ޗެމްޕިއަން ނުކުންނަން ޖެހޭނީ ލ. އަތޮޅު ޗެމްޕިއަނުންނާ ދެކޮޅަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ޒޯން ހައެއްގެ ކުޅުން ކުރިއަށްދާ އިރު، ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.