ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓު އާދަމް ޒަރީރުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދެ ފުލުހަކާއި ވީޑިއޯ ފުޓޭޖެއްގެ އިތުރުން މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ އޭނާ ހައްޔަރުކުރި ސަރަހައްދުގެ ވީޑިއޯއެކެވެ.

ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް އޭނާ ވަދެފައިވާ ކަމަށް ބުނެއެވެ.

ދިފާއީ ހެކީންގެ ގޮތުގައި ޒަރީރު މިއަދު ވަނީ ތިން މީހެއްގެ ނަން ހުށަހަޅާފައެވެ.

ގާޒީ އަހުމަދު ޝަކީލް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޮންނާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.