03 Aug 2016, 12:39
މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު 10 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން އަންނަ ހަފްތާގެ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
އަދީބު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.
ފިސްތޯލަ ގެންގުޅުނުކަން އަދީބުގެ މައްޗަށް ސާބިތުވާކަަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އަދީބުގެ މައްޗަށް ސާބިތުވާތީކަމަށް ހުކުމުގައިވެ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދީބު އެމަނިކުފާނި ދިރިއުޅުއްވި ގ. ހުމަށީގެ އެޕާޓްމަންޓުގައި ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި ކަމަށް ތިން މީހަކު ވަނީ ހެކިބަސް ދީފަ އެވެ. އަދި ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓްމަންޓުގައި އޭނާ ހަތިޔާރު ގެންގުޅުއްވި ކަމަށް އެ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ހެކިބަސްދީފަ އެވެ.
މައްސަލައިގެ ކަންހިންގިގޮތުގެ ޚުލާސާ
- މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ 26 ނޮވެމްބަރު 2015 ވަނަ ދުވަހު.
- ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ދީފައިވޭ.
- މައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ މުހުތާޒު ފަހުމީ، ގާޒީ އަހުމަދު ރަޝީދު އަދި ގާޒީ ސައީދު އިބްރާހީމް.
- ބެންޗުގެ އިސް ގާޒީ އަކީ މުހުތާޒު ފަހުމީ.
- އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުންތައް ނިންމާލީ 4 ޖޫން 2016 ވަނަ ދުވަހު.
- ހުކުމް ކުރީ 5 ޖޫން 2016 ގައި
އެހުކުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލިކަން ސާބިތުވާކަމަށް ކަނޑައަޅައި އަދީބު 15 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.
އަދި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ އަދީބު އަށް އަހަރަށް ޖަލަށްލާންވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެހުރިހާ ހުކުމެއް އެއްކޮށްލައި މިހާރު އަދީބު ތަންފީޒު ކުރައްވަމުން ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ދެ މައްސަލަވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.