26 May 2011, 13:15
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް ހަރުހިކޯ ކުރޯޑާ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް، މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އިގުތިސާދީ އަދި އެހެނިހެން ދާއިރާތަކުން ރާއްޖެ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި ރާއްޖޭގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޭޑީބީ އަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިގުތިސާދަށް އެދެވޭ ހެޔޮބަދަލުތަކެއް ގެނައުމަށްޓަކައި އޭޑީބީގެ މަޝްވަރާ އާއި ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިގުތިސާދީ ބަދަލުތަކާބެހޭ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، އޭޑީބީގެ ރައީސާ ހިއްސާ ކުރެއްވި އެވެ.
މީގެއިތުރުން، އޭޑީބީއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުން ގެންދާ އެހީތައް ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށާއި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އޭޑީބީގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އެގޮތުން ރާއްޖޭގައި އިއާދަ ކުރެވޭ ވަސީލަތްތައް ބޭނުން ކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް ހިންގުމަށާއި، މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމަށްޓަކައި، އެކުއަކަލްޗާއާއި ފިޝް ފާމިން ފަދަ ސިނާއަތްތައް ތަރައްޤީ ކުރުމަށް، އޭޑީބީއިން މާލީ އެހީތެރިކަން ހޯދިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، އޭޑީބީގެ ރައީސާ ހިޔާލު ބަދަލުކުރެއްވި އެވެ.
އެބައްދަލުކުރެއްވުމުގައި، އޭޑީބީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިސާދެއް ޤާއިމުކުރުމަށްޓަކައި، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވި އެވެ. އެގޮތުން ގެނެސްފައިވާ ބަދަލާ ގުޅިގެން، ރާއްޖޭގެ އިޤްތިސާދު ބިނާވެފައިވާ ދާއިރާތައް ފުޅާކުރުމުގެ މުހިންމުކަން އޭޑީބީގެ ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި އަލަށް ފަށާފައިވާ ރިނިއުއަބަލް އެނާޖީގެ މަސައްކަތްތައް އިތުރަށް ތަރައްޤީ ކުރަންޖެހޭ ކަމަށް ދެކެވަޑައިގެންނަވާ ކަމުގައި ވެސް އޭޑީބީގެ ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ހަރުދަނާ އިގުތިސާދަކަށް މަގުފަހިކުރުމަށްޓަކައި، ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިގު މުއްދަތަކަށް އިގުތިސާދީ އޮނިގަނޑު ބައްޓަންކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް އޭޑީބީގެ ރައީސް ވާހަކަފުޅު ދެއްކެވި އެވެ.
ދިވެހިރާއްޖެ، އޭޑީބީގެ މެންބަރަކަށް ވެފައިވަނީ 1978 ވަނަ އަހަރު އެވެ. ރާއްޖެއިން އޭޑީބީގެ މެންބަރަކަށް ވީފަހުން، ތަފާތު އެކާވީސް ލޯނުގެ ގޮތުގައި ޖުމްލަ 152.81 މިލިއަން ޑޮލަރާއި، ތަފާތު 57 ފަންނީ އެހީގެ ޕްރޮގްރާމެއްގެ ދަށުން ޖުމްލަ 22.53 މިލިއަން ޑޮލަރު އޭޑީބީއިން ރާއްޖެއަށް ދީފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.