03 Aug 2016, 12:41
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކޮށްދިނުމުގެ ހުނަރު ޒައިނުއްދީން ޒިދާންގެ ގައިގައި އެބަހުރި ކަމަށް ޖަރުމަންގެ ބަޔާން މިއުނިކުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.
ރެއާލްގެ ކޯޗުކަމުގެ މަގާމުގައި އެންޗެލޮޓީ ހޭދަކުރި ދެ އަހަރު އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި ޒިދާން މަސައްކަތްކުރި އެވެ. އޭގެ ފަހުން ކޯޗުކަމުގެ މަގާމު އަދާކުރި ފުރަތަމަ ސީޒަނުގައި ޒިދާން ވަނީ ރެއާލް އަށް ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ.
"އޭނާ އަހަރެންގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި. އަދި އަހަރެމެން އެކުގައި ރަނގަޅު ތަޖުރިބާތަކެއް ކުރިން. ޒިދާންގެ ގައިގައި ފެންވަރު އެބަހުރި. އަދި އެއް ދުވަހުން ރެއާލްގެ ކޯޗުކަމުގެ މަގާމު ޒިދާން އަދާކުރާނެ ކަން އަހަރެންނަށް އެނގުނު. އޭނާ ކިބައިގައި ތަޖުރިބާ އެބަހުރި. މޮޅު ކުޅުންތެރިޔަކަށްވި. ކޯޗުކޮށްދިނުމުގެ ހުނަރު ވެސް އޭނާގެ ގައިގައި އެބަހުރި،" އެންޗެލޮޓީ ބުންޏެވެ.
އޭނާ ބުނީ، ޒިދާން އަކީ ކުޅުންތެރިންނާ ގާތް ގުޅުމެއް ބާއްވަމުންދާ ކޯޗެއް ކަމަށާއި ކުރިއަށްއޮތް ސީޒަނުގައި އޭނާއާ އެކު ރެއާލް އިން ރަނގަޅު ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ބަޔާން ދޫކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާ ކޯޗު ޕެޕް ގާޑިއޯލާ ހަވާލުވުމާ ގުޅިގެން ބަޔާން އަށް ކުރިއަށް އޮތް ސީޒަނުގައި އިރުޝާދުދޭނީ ކާމިޔާބު ކޯޗު އެންޗެލޮޓީ އެވެ.