ރާއްޖޭގެ މާކެޓުގައި ވިއްކަންހުރި ލެގޯ ބްރޭންޑްގެ "އިޓާލިއަން ޗިކަން ސްކޮލަޕީނީ" ކިޔާ ސޯސްގައި ރާހުރި މައްސަލާގައި އެތަކެތި އެތެރެ ކުރި ފަރާތާއި މެދު އަޅާނެވަކި ފިޔަވަޅެއް އަދި ނުނިންމާ ކަމަށް ކަސްޓަމްސްއިން ބުނެދިއެވެ.

މިދިޔަ މެއި މަހު ފަހުކޮޅު އެމައްސަލަ ފާހަގަކުރެވި ކަސްޓަމްސްއިން ވަނީ އެތަކެތި ވިއްކަން ބަހައްޓާފައި ހުއްޓާ ނަގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ އެއް ޝިޕްމެންޓް ރާއްޖެ އެތެރެކުރިއިރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދެވުނީ 90 ޕަސެންޓް ތަކެއްޗެވެ. އެސޯސްގައި “ވައިޓް ވައިން" ހުރިކަން ވަނީ ޔަގީންކުރެވިފައެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ، އެތަކެތި ނައްތާލުމަށް މިހާރު ނިންމާފައިވާއިރު އަޅާނެ ފިޔަވަޅަކާއިމެދު ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ކޮންފިޔަވަޅެއްތޯ އަޅާނީ އަދި ވަކިގޮތެއް ނުނިންމާ، އެކަން ބަލަމުން ދަނީ، ފުލުހުންނާއިވެސް މަޝްވަރާ ކުރަމުންދަނީ،" ނިޔާޒު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ގަވައިދު ބުނާގޮތުން އެފަދަތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކެއް ޖޫރިމަނާ ކުރެވެއެވެ. އަދި މަސްތުވާތަކެތި ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބެލުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެންވެއެވެ.