03 Aug 2016, 11:29
ނ. ހެނބަދޫއާއި އއ. ފެރިދޫގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އެންވަރަންމަންޓް އެންްޑް އެނާރޖީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ރިޔަން އާ ހަވާލުކޮށްފައިވަނީ، މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގް އިބްރާހީމެވެ. އަދި ރިޔަން ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ހަމީޒެވެ.
ނ. ހެނބަދޫއާއި އއ. ފެރިދޫގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ދެރަށުގެ ނަރުދަމާ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓު މަސައްކަތައް ޖުމްލަ 507،000 ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، އެ މަސައްކަތަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.
ނ. ހެނބަދޫއާއި އއ. ފެރިދޫގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް ރިޔަން އާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުަގައި މިނިސްޓަރު ތާރިގު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީން ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ފެނުގެ ނިޒާމް 25 ޕަސެންޓު އަދި ނަރުދަމާގެ ނިޒާމް 37 ޕަސަންޓު ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި މިއަދަދު 2018 ވަނަ އަހަރުގެ ނިޔަލަށް 75 ޕަސަންޓަށް މަތި ކުރައްވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"މިއަހަރުގެ މެދުތެރެއަށް އައިއިރު 10 ރަށެއްގެ ނަރުދަމާއާއި، 10 ރަށެއްގެ ފެނުގެ ނިޒާމް މިވަނީ ނިންމާފަ،" މިނިސްޓަރު ވިދާޅުވި އެވެ.