މިދުވަސްވަރު މާލެއާއި ބައެއް އަތޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައިފި އެވެ.

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، މާލެއާއި އަތޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށް އެ އެޖެންސީއަށް އެ އެޖެންސީއަށް ލިބެމުންދާ ރިޕޯޓްތަކުން ފާހަގަވާ ކަމަށެވެ.

އާންމުގޮތެއްގައި ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބައްޔެއްކަމުން ސާފުތާހިރުކަމަށާއި ކާބީތަކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް މިދުވަސްވަރު ދިނުމަކީ މުހިންމުކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ސާމާލުކަން ދޭންވީ ކަންކަން ފާހަގަކޮށްފަ އެވެ. އެ ޕޮއިންޓްތައް ތިރީގައި އެވަނީ އެވެ.

  • ބޭނުންކުރާ ފެން ކްލޮރިނޭޓް ކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުން، އަދި ވާރޭފެން ނަގާނަމަ ފުރާޅު ރަނގަޅަށް ސާފު ކުރުމަށްފަހު ފެންނެގުން.

  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި އަދި ރޯކޮށްކެވޭ ކާނާ ވެސް ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
  • ކެއުމުގެ ކުރިން، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަދި ފާހާނާ ކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށް ފަހުގައިވެސް ހާއްސަކޮށް އަތްދޮވުމާއި ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރިގޮތުގައި ނައްތާލުން.
  • ކާބޯތަކެތީގައި މެހި ނުޖައްސާނެހެން މަތިޖަހާފައި ބެހެއްޓުމާއި ތާޒާ ކާނާ ބޭޏުންކުރުމުގެ އިތުރުން ކާބޯތަކެތި ހަލާކުނުވާނެހެން ރައްކާކުރުން.
  • ރަށުތެރޭގައާއި ގޯތިތެރޭގައި ކުނި ޖަމާވިޔަނުދީ ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުން އަދި ކުނިވާޒާތުގެ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން

ބޭރަށް ހިންގުން ޖެހިއްޖެ ނަމަ އަމަލުކުރަންވީ ގޮތް

  • ހޮޑުލެވޭނަމަ ގިނަގިނައި ދިޔާތަކެތި ބޭނުންކުރުން.
  • ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫސް، ކޯލާ ފަދަ ބުއިންތައް ބޭނުން ނުކުރުން.
  • ތުއްތުކުއްޖެއްނަމަ އަވަސް އަވަހަށް ގާތުން ކިރުދިނުން.
  • ކާތަކެތި ކެވޭނަމަ އެތިއެތިކޮޅުން އަވަސް އަވަހަށް ކެއުން. ނަމަވެސް ތެޔޮ، ކުޅި ހަވާދުލީ ތަކެތި ނުކެވޭނެ.
  • ބަލި ޖެހިފައިވާ މީހާ ކާބޯތަކެތި ތައްޔާރު ނުކުރުން
  • ސްކޫލް ކުއްޖެއްނަމަ ބަލި ރަނގަޅު ވަންދެން ސްކޫލަށް ނުފޮނުވުން
  • ޑޮކްޓަރެއްގެ ލަފާ ހޯދައި ފަރުވާ ހޯދުމާއި ފަރުވާއަށް ފަހުވެސް ސަމާލުކަން ދީގެން އުޅުން

އޭގެ އިތުރުން ބޭރަށް ހިންގާއިރު، އާދަޔާހިލާފަށް ކަރު ހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި މާބޮޑަށް ވަރުދެރަވާގޮތް ވުމާއި ކުޑަކަމުދެވޭ މިންވަރު މަދުވުމާއި ހޮޑުލެވި ބޮޑުކަމުދެވޭއިރު ލޭގެ އަސަރު ހުރުމައި ދިޔާތަކެތި ބޭނުން ނުކުރެވޭގޮތް ވުމާއި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދުމަށް ވެސް އެ އެޖެންސީން ނަސޭހަތްތެރިވެ އެވެ.