އަންކަރާ (އޮގަސްޓް 3) : ތުރުކީއަށް ގެންނަން މަސައްކަތްކުރި އިންގިލާބުގެ ސަބަބުން 100 ބިލިޔަން ޑޮލަރުގެ ގެއްލުމެއް އެގައުމުގެ އިގްތިސާދަށް ލިބިގެން ހިނގައްޖެކަން އެގައުމުން ހާމަކޮށްފިއެވެ.

ތުރުކީގެ ވިޔަފާރީއާބެހޭ ވަޒީރު ބޮލެންދް ތުފޮންކްޖީ ވިދާޅުވީ އިންގިލާބީ ހަރަކާތުގެ ސަބަބުން ދޮޅު މިލިޔަނެއްހާ ޓޫރިސްޓުންގެ ބުކިން ކެންސަލްކޮށްފައިވާ ކަމަށާ އިސްތަންބޫލާއި އެނޫންވެސް ތުރުކީގެ ފަތުރުވެރިކަމުގެ ސަރަހައްދުތައްވަނީ ފަޅުވެފައި ކަމުގައެވެ.

ތުފޮންކްޖީ ވިދާޅުވީ ދޮޅު މިލިޔަނެއްހާ ޓޫރިސްޓުންގެ ބުކިން ކެންސަލްވުމަކީ އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުމެއް ކަމުގައެވެ. އޭގެއިތުރުން އިންގިލާބީ ހަރަކާތް ނާކާމިޔާބުވުމާ ގުޅިގެން ތުރުކީގެ އެތެރޭގައި އަޅަންޖެހުނު ސަލާމަތީ ފިޔަވަޅުތަކާ މީހުން ހައްޔަރުކުރުމާއި ވަޒީފާތަކުން މީހުން ވަކިކުރުންފަދަ ކަންކަމުންވެސް އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ތުފޮންކްޖީ ފާހަގަ ކުރެއްވިއެވެ.

ތުރުކީގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެގައުމުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އެވްރެޖް އޮކިއުޕެންސީ 40 އިންސައްތާގައި އުޅޭތަން މިހާރުވަނީ އަހަރެއްހާ ދުވަސްވެފައެވެ. މިކަމުގެ ސަބަބުން ބައެއް ހޮޓާތަކާއި ރެސޯޓްތައް ހިންގަނީ ގެއްލުމުގައެވެ.

ތުރުކީގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ދަށަށްދިޔުމުގެ ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރުން ފެށިގެން އެގައުމަށް ކުރިމަތިވަމުންދާ ޓެރަރިސްޓް ހަމަލާތައް ހިމެނެއެވެ. މިދިޔަ އަހަރާއި މިއަހަރު ތެރޭގައި ތުރުކީގައި ބާރުގަދަ ބޮމުގެ 6 ބޮން ގޮއްވާލާފައިވާއިރު ކުދި ބޮމުގެ 5 ބޮން ގޮއްވާލާފައިވެއެވެ. މިކަމުގެ ސަބަބުން އެތަށް ސަތޭކަ ބަޔަކު މަރުވެފައިއެވެ. އަދި ތުރުކީގައި އަމަން އަމާންކަމާއި ސަލާމަތީ ގެރެންޓީ ވަނީ ގެއްލިފައެވެ.

ތުރުކީގައި ބޮންގޮއްވާލި ތަންތަނުގެ ތެރޭގައި އެގައުމުގެ އެންމެ ބިޒީ އެއަރޕޯޓް ކަމަށްވާ އިސްތަންބޫލް އެއަރޕޯޓްވެސް ހިމެނެއެވެ. ތުރުކީއަކީ އޭޝިޔާއާއި ޔޫރަޕަށްވާގޮތަށް އޮންނަ އިސްލާމީ ގައުމެކެވެ. އެގައުމުގެ ބޮޑުބައި އޭޝިޔާގައި އޮތްނަމަވެސް އިސްތަންބޫލް އޮންނަ ފަޅިއަކީ ޔޫރަޕްގެ ބައެކެވެ. އިސްތަންބޫލް އެއަރޕޯޓަކީ ޔޫރަޕްގެ އެއަރޕޯޓްތަކަށް ބަލާއިރު ހަތަރުވަނައަށް އެންމެ ބިޒީ އެއަރޕޯޓެވެ.

ތުރުކީއަށް މިފަހަކަށް އައިސް މައްސަލަތައް ކުރިމަތިވެފައިވަނީ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ނުސީދާ ގޮތެއްގައި ވަދެގަނެ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އެހީތެރިވެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން ތުރުކީން މަސައްކަތް ކުރުމުގެ ސަބަބުންނެވެ. ބައްޝާރުގެ ސަރުކާރު ފަސޭހައިން ވެއްޓިދާނެކަމުގެ ހުވަފެން ތުރުކީގެ ލީޑަރުން ދެކެވަޑައިގެންނެވިއިރު ކަންހިނގަމުންދިޔައީ މިއާ މުޅިން ޚިލާފަށެވެ. ފަސްއަހަރުގެ ހަނގުރާމައަށްފަހުވެސް ބައްޝާރުގެ ވެރިކަން ވައްޓާލެވިފައެއްނުވެއެވެ.

ސޫރިޔާގެ ހަނގުރާމައާ ގުޅިގެން ސޫރިޔާގެ 3 މިލިޔަން ރެފިއުޖީންގެ ހުރިހާ ޚަރަދެއް ބަލަހައްޓަން ޖެހިފައިވަނީ ތުރުކީއަށެވެ. މިކަމުގެ ސަބަބުންވެސް އަހަރެއްގެ މައްޗަށް 50 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ތުރުކީއަށް ލިބެމުންދެއެވެ.

މީގެއިތުރުން ތުރުކީގެ ބައިމަދު ކުރުދީންގެ ހައްގުތަކަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތާއެކު ގާއިމްކުރި ސުލްޙަ އުވާލައި ބާރުގެ ބޭނުންކޮށްގެން ޕީކޭކޭ ނައްތާލުމަށް ތުރުކީގެ ލީޑަރުން މަސައްކަތް ކުރެއްވުމަކީވެސް އެގައުމުގެ އިގްތިސާދަށް ގެއްލުން ލިބުނު ކަމެކެވެ. ތުރުކީގައި ބޮން ގޮއްވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ދެފަރާތަކީ ޕީކޭކޭ އާއި އައިއެސް ޖަމާއަތެވެ.

އައިއެސް ޖަމާއަތަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށްޓަކައި ތުރުކީ ސަރުކާރުން ނުސީދާ ގޮތެއްގައި އެހީތެރިވެދިން ޖަމާއަތެކެވެ. ނަމަވެސް އެޖަމާއަތުގެ ޓެރަރިޒަމްގެ ޝިކާރައަކަށް ޚުދު ތުރުކީ ވުމާއެކު ތުރުކީ ސަރުކާރުންވަނީ އައިއެސް އާ ދެކޮޅަށް ހަނގުރާމަ އިއްލާންކޮށްފައެވެ. (ނޫސްއެޖެންސީތައް)