ބްރެޒިލްގައި ފެށުމަށް ހަމަ ޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓެނިސް އިވެންޓްގައި ދުނިޔޭގެ އެންމެ މޮޅު ދިހަ ޓެނިސް ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިންނަށް ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ.

މިމަހުގެ ފަހަކުން 21 ވަނަ ދުވަހުގެ ނިޔަލަށް ބްރެޒިލްގެ ރިއޯ ޑި ޖެނީރާގައި އޮންނަ އޮލިމްޕިކް ކުޅިވަރު އީދުގެ ޓެނިސް އިވެންޓުން މީގެ ކުރިން ވަނީ އަނިޔާގެ ސަބަބުން ދުނިޔޭގެ ތިން ވަނަ ޓެނިސް ކުޅުންތެރިއާ ސްވިޒަލެންޑްގެ ރޯޖާ ފެޑްރާ އާއި ހަތް ވަނަ އަށް ސީޑް ކުރެވިފައިވާ ކެނެޑާގެ މިލޮސް ރައޯނިކް އާއި އަށް ވަނަ ޗެކް ރިޕަބްލިކްގެ ތޯމަސް ބާޑިޗް އަދި ދިހަ ވަނަ ޓެނިސް ކުޅުންތެރިއާ އޮސްޓްރޭލިއާގެ ޑޮމެނިކް ތިއެމް ވެސް މުބާރަތަށް ނުދާނެ ކަން އިއުލާން ކޮށްފައެވެ.

އެންމެ ފަހުން އެ ލިސްޓަށް އިތުރުވި ކުޅުންތެރިއަކީ ދުނިޔޭގެ ހަތަރު ވަނަ އަށް ސީޑް ކުރެވިފައިވާ ސްވިޒަލޭންޑްގެ ސްޓަން ވަފްރިންކާ އެވެ. ވަފްރިންކާ އަށް އަނިޔާވީ ކެނެޑާގައި ކުރިއަށް ދިޔަ ރޯޖާސް ކަޕްގެ ތެރެއިން އޭނާގެ ބުރަކަށްޓަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ.

ގްރޭންޑް ސްލޭމް ދެ މުބާރާތް ކާމިޔާބް ކޮށްފައިވާ އުމުރުން 31 އެއް އަހަރުގެ ވަފްރިންކާ ވަނީ މި އަހަރު ކުރީ ކޮޅުގައި އޮތް ވިމްބެލްޑަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ 165 ވަނަ އަށް ސީޑް ކުރެވިފައިވާ އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޯޓްރޯ އަތުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ.

ވަފްރިންކާގެ އިތުރުން މީގެ ކުރިން 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދި ފެޑްރާ އަށް މި އަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރި ނުވެވުމުން ޓެނިސް އިވެންޓްގައި ސްވިޒަލޭންޑްގެ ޓީމް ވަނީ ވަރަށް ބޮޑު ތަން ބަލިކަށިވެފައެވެ.