ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި ދިނުމަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ހުއްދަދޭން ނިންމާ ކުންފުނިތަކެއް ކަނޑައަޅާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު އެފަރާތާއި އެކަން ހަވާލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އަލަށްފަށާ އެހިދުމަތްދޭން ކުރިން ހަވާލުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 26 ގެ ކުރިންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ ސައިކަލު ޓެކްސީގެ ހިދުމަތްދޭން ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ޝަރުތުހަމަވާ ކުންފުނިތައް ހޮވާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ކޮން ކުންފުނިތަކެއްކަން އަދި ހާމައެއްނުކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވިސްނުމަކީ އެންމެ ލަސްވެގެން އަންނަ މަހު އެހިދުމަތް ފެށުން ކަމަށާއި އެކުންފުނިތައް ތައްޔާރު ނަމަ މިމަހުވެސް އެހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހިދުމަތް ދޭނެ ކުންފުނިތައް އިއުލާން ކުރުމާއެކު އެކަމަށް ހަރުދަނާ ގަވައިދެއް އެކުލަވާލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ސަން އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ހިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި މިނިސްޓްރީން އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ފަސޭހަކަމާ އެކު، ރައްކާތެރި ގޮތަކަށް ހިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށެވެ.