26 May 2011, 12:56
އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ ޏ. ފުވައްމުލަކު، ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދު ގޭ ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ފޮނުވި ސިޓީ ހައި ކޯޓުން ބާތިލް ކުރުމުން، އޭނާ އެންމެ ފަހުން ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެއްކޮށް ބަންދުން ދޫކޮށްލައިފި އެވެ.
މުޖްތަމައުގެ ސަލާމަތަށްޓަކައި ކަމަށް ބުނެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ވެސް އަބްދުއްލަތީފް ބަންދު ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނެވެ. އެކަމަކު އޭގެ ފަހުން ކްރިމިނަލް ކޯޓުން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އަބްދުއްލަތީފް ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެކަމަކު އެއީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ފޮނުވި ސިޓީއެއް ކަމަށް ބުނެ ހައި ކޯޓުން ވަނީ އަންގާރަ ދުވަހު އެ ސިޓީ ބާތިލްކޮށްފަ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހައި ކޯޓުން އެ ސިޓީ ބާތިލް ކުރުމާ ގުޅިގެން އަބްދުއްލަތީފް ރޭ ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އޭނާ ކޯޓަށް ގެންދިޔުމުން އެއްކޮށް ބަންދުން ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކޯޓުން ރިކުއެސްޓް ކޮށްގެން އަޅުގަނޑުމެން އަބްދުއްލަތީފް ކޯޓަށް ގެންދިޔައީ ވެސް. ދެން ކޯޓުން ރޭ ވަނީ އޭނާ ބަންދުން ދޫކޮށްލައިފަ،" ފުލުސް އޮފިޝަލް ވިދާޅުވި އެވެ.
އަބްދުއްލަތީފް ހައްޔަރުކޮށްފައި ވަނީ އޭނާގެ ކާރުގެ ޑިކީގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެންނެވެ. އަބްދުއްލަތީފްގެ ކާރުން ފެނުނު މަސްތުވާތަކެތި އެއް ކިލޯއަށް ވުރެ ގިނަ ކަމަށްވެ އެވެ.