03 Aug 2016, 02:26
ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫ އަބޫބަކުރު ސްކޫލްގެ އިރުދެކުނު ކަންމައްޗާ ދިމާލުގައި މިރޭ ގާތްގަނޑަކަށް 11:00 ކަންހާއިރު ކަމަށެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އެމްއާރުޑީސީން އެރަށުގައި ހަދަމުންދާ މަގުގައި ބާއްވާފައި އޮތް އެސްލޯން ހޮޅިއަކަށް އެރިގެން ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ، ހަދަމުންދާ މަގުގައި އެއްވެސް ކަހަލަ އަލިކަމެއް ނެތުމުގެ ސަބަބުން އެސަރަހައްދުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ކަމަށެވެ. އެގޮތުން އިއްޔެ ވެސް އެތަނުގައި ބާއްވާފައި އޮތް ހޮޅިއެއްގައި ސަކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް އޭނާ ބުންޏެވެ.
އެކްސިޑެންޓުގައި، ސައިކަލް ދުއްވަން އިން 20 އަހަރުގެ ޒުވާނާގެ މޫނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާއިރު އޭނާގެ އަތުގެ ބައެއް ތަންތަން ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އަދި އެކްސިޑެންޓް ހިނގުމާއެކު އެ ޒުވާނާ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދޭން ފަށައިފައެވެ.
ނަމަވެސް ފުލުހުންނާއި ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފޯން ނުނަގާތީ އެކަމުގެ އިތުރު ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފައެވެ.