އިދިކޮޅު ނުވަތަ ހިޔާލު ތަފާތުވެފައިވާ ކޮންމެ މީހަކީ އަބަދު ސަރުކާރުން ކުރާ ކަންތައްތަކަށް ގޮންޖަހަން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ހަ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޒުހޫރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަބަދު ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔާނަމަ އެކަމުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށެވެ.

ޓެކްސް ނަގަނީ ދައުލަތުގެ ތެރެއަށް ނަމަވެސް، އެއީ ދިވެހި ރައްޔިތުންގެ އުފަލަށްޓަކައި ގައުމުގެ އުމްރާނީ ތަރައްގީއަށްޓަކައި ނަގާ ފައިސާކަން ފާހަގަކުރައްވައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއާ ކަންވެސް ކުރައްވާ ޒުހޫރު ވިދާޅުވީ، ގިނަ ބަޔަކު ޓެކްސް ނުދައްކަން މަސައްކަތްކުރާ ކަމަށެވެ. އަދި ސަރުކާރާ ހިޔާލު ތަފާތުވިނަމަވެސް ދައުލަތަށް ޓެކްސް ދެއްކުމަށް ޒުހޫރު އިލްތިމާސްކުރެއްވި އެވެ.

"ސަރުކާރުގެ އަމާޒަކީ ދިވެހި ގައުމު ބިނާ ކުރުން، ދިވެހި ގައުމު ތަރައްގީ ކުރުން. ދިވެހިންނަށްޓަކަައި ލާބަޔާ މަންފާ ހޯދައިދިނުން. އެހެންނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ގައުމު ބިނާ ކުރުމުގައި ހެދޭ ކޮންމެ ގާނޫނަކަށް ގައުމު ބިނާ ކުރުމުގައި އެކުލަވާލާ ކޮންމެ ޕޮލިސީ އަކަށް ނޫނީ ސަރުކާރުގެ ކޮންމެ އިލްތިމާސަކަށް ގޮންޖަހައި، އެއާމެދު ފާޑު ކިޔައި އަދި ރަނގަޅަށް އެއް ކަމެއްވެސް ނުކުރެވޭ ކަމަށް ގޮވަމުން ދިއުން،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގައުމު ބިނާކުރުމުގައި ރައްޔިތުންގެ މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި ހިޔާލު ތަފާތުވި ނަމަވެސް ގައުމު ބިނާކުރުމުގައި ކުރެވޭ މަސައްކަތުގައި އެންމެންނަކީ އަތުގުޅާލައިގެން އެކުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް ގައުމު ބިނާކުރުމުގައި އިދިކޮޅު ހިޔާލުގައި ތިއްބަވާ ފަރާތްތަކުން ވެސް ސަރުކާރާއެކު މަސައްކަތްކުރާ ކަމަށް އިޝާރާތްކުރައްވާ ޒުހޫރު ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމަށް އަންނަނީ ގޮންޖެހުމާއި ފާޑު ކިޔުން ކަމަށެވެ.

"ދުނިޔޭގައި ޑިމޮކްރަސީ އައިސްފައިވާ ގައުމުތަކުގައި ސަރުކާރުން އެކުލަވާލާ ޕޮލިސީތަކުގައި ގައުމު ބިނާ ވެގެންދޭ. އެހެން، ގައުމު ތަރައްގީ ވެގެންދާ، ގައުމުގެ އިގްތިސާދު ފުޅާވެގެންދާ ކަންތައްތަކަށް ވަނީނަމަ އިދިކޮޅު ހިޔާލުގައި ތިއްބަވާ ބޭފުޅުންނަކީ ވެސް ހަމަ ސަރުކާރާއެކު ގައުމު ބިނާ ކުރަން މަސައްކަތް ކުރާ ބައެއް،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓެކްސް ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ސަރުކާރު އޮންނާނީ ތައްޔާރަށް ކަމަށާއި ދުނިޔޭގެ އެންމެ ރަނގަޅު ޓެކްސް ނިޒާމުގައި ފައިތިލަ ސާބިތުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތީ އެކަމުގެ ނަމޫނާއެއް ކަމަށެވެ.

އޭގެ އިތުރުން ބޭރުގެ ވިޔަފާރިވެރިންނާއި ބޮޑެތި އިންވެސްޓްމަންޓްތައް ހިފައިގެން ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އަތުން ޑަބަލް ޓެކްސޭޝަން ނުނެގުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރާއްޖެއާ ބޭރުގެ އެހެން ގައުމު ތަކާއެކުވާ އެއްބަސްވުންތަކުގެ ތެރެއިން ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒުހޫރު ވަނީ ދެއްވާފައެވެ.