އޮލިމްޕިކްސް ކުޅިވަރު މުބާރާތް ރަސްމީކޮށް އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް އޮލިމްޕޮކްސްގެ ފުޓްބޯޅަ އިވެންޓް މިރޭ ފަށާނެއެވެ.

ތަފާތު ގިނަ ކުޅިވަރުތައް ހިމަނައިގެން ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އީދުގެ ފުޓްބޯޅަ އިވެންޓް ދެ ދުވަސް ކުރިން ފެށުމަށް ނިންމާފައިވަނީ އެހެން ކުޅިވަރު ތަކާއި ހިލާފަށް ފުޓްބޯޅައިގެ ޓީމްތައް އިތުރުވެ ގުރޫޕް ސްޓޭޖް އަށް ފަހު ކުއާޓާ ފައިނަލް އާއި ސެމީ ފައިނަލްގެ މެޗުތަކަށް ޓީމްތަކަށް ރެސްޓް ދޭން ޖެހޭތީވެއެވެ. މީގެ ކުރިން ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ވެސް ފުޓްބޯޅަ އިވެންޓް ވަނީ ދެ ދުވަސް ކުރިން ފަށާފައެވެ.

އަންހެން ބައިގެ ފުރަތަމަ މެޗުގައި ނިކުންނާނީ ސްވިޑަން އާއި ސައުތު އެފްރިކާ އެވެ. އަދި މިރޭ ކުޅޭ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ބްރެޒިލް އާއި ދެކޮޅަށް ނިކުންނާނީ ޗިލީ އެވެ.

ފިރިހެން ބައިގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗު ގައި ނުވަ އެއް ޖަހާއިރު އިރާގާއި ދެކޮޅަށް ޑެންމާކް ނިކުންނައިރު ދެވަނަ މެޗުގައި ދަންވަރު 12 ޖަހާއިރު ބްރެޒިލް ނިކުންނާނީ ސައުތު އެފްރިކާ އާއި ދެކޮޅަށެވެ.

ފުޓްބޯޅައިގެ އަންހެން ބައިގެ 12 ޓީމް ބައިވެރިވެފައިވާ އިރު ފިރިހެން ޓީމް ތަކާ ހިލާފަށް އަންހެން ކުޅުންތެރިންނަށް ބައިވެރިވުމުގައި ވަކި އުމުރުފުރާއެއް ނޯވެއެވެ. ނަމަވެސް 16 ގައުމު ވާދަކުރާ ފިރިހެން ބައިގައި ޓީމްތަކަށް ހިމެނޭނީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ނަމަވެސް ކޮންމެ ޓީމަކަށް ވެސް 23 އަހަރުން މަތީގެ ތިން ކުޅުންތެރިން ހިމެނުމުގެ ހުއްދަ އޮންނާނެއެވެ.