ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ގަވާއިދުން އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެމުން އަންނަ ރަންލާރި އެވޯޑް މިއަހަރު 17 ފަރާތަކަށް ދީފި އެވެ.

ދައުލަތުގެ ޓެކްސް ކުންފުނި މީރާގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހުގެރޭ ބޭއްވި ހަފްލާގައި މިއަހަރު 11 ގިންތިއަކުން 17 ފަރާތަކަށް ރަންލާރި އެވޯޑް ދީފައިވާއިރު، އެވޯޑްތައް ހަވާލުކޮށްދެއްވީ މިއަހަރު 11 ގިންތިއަކުން 17 ފަރާތަކަށް ރަންލާރި އެވޯޑް ދީފައިވާއިރު، އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރެވެ.

މިރޭގެ ހަފްލާގައި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) ދައްކާ ފަރާތްތަކުގެ ތެރެއިން ރަންލާރި އެވޯޑް ވަނީ ތިން ފަރާތަކުން ހާސިލް ކޮށްފައެވެ. އެއީ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ޓްރާންސް މޯލްޑިވިއަން އަދި ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ޒުހޫރު، އެންމެ ގިނައިން ޓެކްސް ދެއްކި ޓްރެވަލް އޭޖެންސީއަކަށް ދޭ ރަންލާރި އެވޯޑް ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު އަހުމަދު ޝާކިރާ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ ދައްކާ ފަރާތްތަކުގެ ތެރެއިން ރަންލާރި އެވޯޑް ލިބުނީ ވެލާ އައިލެންޑް ޕްރައިވެޓް އައިލެންޑަށެވެ. އަދި 150 އާއި 250 އެނދުހުރި ރިސޯޓްތަކުގެ ގިންތިން ފޯސީޒަން މޯލްޑިވްސް ލަނޑާގިރާވަރަށް އެވޯޑް ލިބުނުއިރު ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ވަނީ 250 އަށްވުރެ ގިނަ އެނދު ހުރި ރިސޯޓްތަކުގެ ގިންތިން އެވޯޑް ލިބިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ ދައްކާ ފަރާތްތަކުގެ ތެރެއިން ޓްރެވަލް އެޖެންސީގެ އެވޯޑް ސަން ހޮޓެލްސް އެންޑް ރިސޯޓްސްއަށް ލިބުނުއިރު އެތެރޭގެ ވައިގެ ދަތުރު ފަތުރުގެ ހިދުމަތްދޭ ގިންތިން އެވޯޑް ލިބުނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށެވެ. އަދި ޓޫރިސްޓް އުޅަނދުތަކުގެ ގިންތިން އެވޯޑް ލިބުނީ ފޯސީޒަން އެކްސްޕުލޯރާ އަށެވެ.

ޓޫރިސްޓް ހޮޓާތަކުގެ ގިންތިން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް އެވޯޑް ލިބުނުއިރު، ޓޫރިސްޓް ގެސްޓްހައުސް ގިންތިން އެވޯޑް ލިބުނީ ސަލަ ބިޓިކް ރެސިޑެންސް އަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ބޮޑެތި ވިޔަފާރި ގިންތިން ތެރެއިން ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނި އުރީދޫ މޯލްޑިވްސް އަށް ރަންލާރި އެވޯޑް ލިބުނު އިރު މެދުފަންތީގެ ވިޔަފާރީގެ ގިންތިން އެވޯޑް ލިބުނީ ފާހޮރައިޒަން އަށެވެ. އަދި ކުދި ވިޔަފާރީގެ ގިންތިން އެވޯޑް ލިބުނީ ޓަކް ސާވިސަސް މެރައިން އަށެވެ.

ހަފްލާގައި ވިތް ހޯލްޑިން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އެވޯޑް ހޯދީ ރީތިރަށް ރިސޯޓެވެ. ބޭންކް ޕްރޮފިޓް ދައްކާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ ބޭންކް، ބޭކް އޮފް މޯލްޑިވްސްއަށް އެވޯޑް ލިބުނުއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މީރާއަށް އެންމެ ގިނަ ފައިސާ ދައްކާފައިވާތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ވަނީ ރަންލާރި އެވޯޑް ލިބިފައެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އަގު ވަޒަންކުރުވުމަށް މީރާ އިން 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ރަންލާރި އެވޯޑްގެ ސަބަބުން ގިނަ ކުންފުނިތަކެއް ޓެކްސް ދެއްކުމަށް މަސައްކަތްކުރި ނަމަވެސް، ޓެކްސް ނުދައްކައިގެން މީރާއިން ނަން ހާމަކުރާ ބައެއް ކުންފުނިތަކުގެ ތެރޭގައި ބޮޑެތި ކުންފުނިތައް ހިމެނޭކަން ފާހަގަކުރެވެ އެވެ.