ގޮލްފްގެ މައްޗަށް އިންޑިއާގައި އުފައްދާ ފުރަތަމަ ފިލްމު، "ފްރީކީ އަލީ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ސޮހެއިލް ޚާންގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ގޮލްފް ކުޅުންތެރިޔާ އަލީ ޝަރ ގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މުމްބާއި، ދިއްލީ އަދި ޕޫނޭގަ އެވެ. ފިލްމުގެ ޝޫޓިންގ ނިންމާލާފައި ވަނީ 40 ދުވަހުންނެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސޮހެއިލް ޚާން ބުނީ ފިލްމުގެ ޚިޔާލު އައީ ފާއިތުވި އަހަރެއްހާ ދުވަހު ގޮލްފު ކުޅުނު އިރު، އެ ކުޅިވަރުން ދަސްވި ބައެއް ކަހަލަ ފިލާވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގު އެވެ. އަދި އަންހެން ލީޑުން ފެނިގެން ދާނީ އެމީ ޖެކްސަން އެވެ.

ހަބަރުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.