26 May 2011, 12:24
ކަރަންޓާއި ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ރޭ ބޭއްވި މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން އަޑު އުފުލައި "ޑޮލަރާއި ތަކެތީގެ އަގު ބޮޑު" ކުރުމަށް ގޮވާލައިފި އެވެ.
ކަރަންޓާއި ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ތަސްމީން ފެކްޝަންގެ މީހުންނާއި ސިޔާސީ ޕާޓީތަކުން މުޒާހަރާ ފަށާފައި ވަނީ ރޭ 9:30 އެހާކަންހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުނެވެ. މަދު މީސްކޮޅަކާ އެކު ފެށި މުޒާހަރާގެ މިސްރާބު ޗާންދަނީ މައިދާނަށް ޖެހި ކަމުގައި ވިޔަސް ފުލުހުން އެ މީހުނަނަކަށް ހުރަހެއް ނާޅަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާއެއް ކޮށްފި ނަމަ އާންމުކޮށް ބަންދުކޮށްފައިވާ ރައީސް ނަޝީދު ދިރިއުއްވާ މުލިއާގެ ސަރަހައްދަން މަޖީދީމަގުން ވަދެވެން އޮންނަ އަލިކިލޭގެފާނު މަގެއް ވެސް ފުލުހުން ބަންދެއް ނުކުރެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި މުޒާހަރާ މާލޭގެ އެންމެ ކާރުބާރު ބޮޑު ދެ މަގު، ޗާންދަނީ މަގާއި މަޖީދީމަގާ ދިމަވާ ހަތަރު އަގޮޅި ކަންމައްޗަށް އެއްވެ، އަޑު ގަދަ ކުރަންފެށުމާ އެކު، އެމްޑީޕީގެ އެކްޓިވިސްޓުން އެ ސަރަހައްދަށް ޖަމާވި އެވެ. އަދި އެ މީހުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އަޑު އުފުލި އެވެ.
ޑޮލަރުގެ އަގު ތިރިކުރުމަށް މުޒާހަރާގެ ބައިވެރިން އަޑު އުފުލުމާ އެކު އެމްޑީޕީގެ އެކްޓިވިސްޓުން އަޑު އުފުލަމުންދިޔައީ "ޑޮލަރުގެ އަޑު ބޮޑު"ކުރުމަށެވެ. އަދި ތަކެތީގެ އަގު ވެސް ބޮޑު ކުރުމަށެވެ. ނަތީއްޖާއެއްގެ ގޮތުން މުޒާހަރާގެ ބައިވެރިންނަށް ވުރެ ބޮޑަށް އަޑު ގަދަވެގެންދިޔައީ އެމްޑީޕީގެ ސަޕޯޓަރުންގެ އަޑެވެ.
ރޭގެ މުޒާހަރާ ލީޑު ކުރައްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް މޫސާ އަންވަރެވެ. އަދި އޭނާ އަޑު ގަދަ ކުރާ ބޭނުންކޮށްގެން ރައީސް ނަޝީދު ސަރުކާރުން ވައްޓާލާނަމޭ ބުނުމާއެކު ދެ ބައިމީހުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް، ހަމަނުޖެހުންތަކެއް ހިންގި އެވެ. އަދި ދެ ބައިމީހުންގެ މެދުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް ރަޔަޓް ގިނަޔަރުގައި ތިބި ފުލުހުން އެ ސަރަހައްދަށް ޖަމާވި އެވެ. އަދި އަޑު ގަދަ ކުރާ ބޭނުންކޮށްގެން ރަޔަޓް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވަމުން ބުނަމުންދިޔައީ އެ މުޒާހަރާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ދިރިއުޅުމުގެ ހައްގުން މަހުރޫމްވަމުންދާ ކަމަށެވެ.
އަދި އެ ސަހައްދުގެ ޓްރެފިކް ކާރުބާރު ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ގެއްލުންވަމުންދާ ކަމަށާއި މުޒާހަރާގެ ސަބަބުން ހަމަނުޖެހުންތައް އުފެއްދުމަށް ފުރުސަތު ލިބިގެންދާ ކަމަށް ފުލުހުން ބުނަމުންދިޔަ އެވެ. އަދި އެފަދަ ކަންތައްތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ބުނެ، ނަސޭހަތް ތެރިވުމާ އެކު މުޒާހަރާގެ ބައިވެރިން ރެއަށް މުޒާހަރާ ނިންމާލިކަން އިއުލާން ކުރި 12:00 ޖަހަން ކައިރިވެފައިވަނިކޮށެވެ.
އަދި މިރޭ ވެސް މުޒާހަރާއަށް ނުކުމެ، ސިލްސިލާ މުޒާހަރާތައް ފަށާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވެ އެވެ.
ރޭގެ މުޒާހަރާއަށް ޒެޑް-ޑީއާރްޕީގެ އެއްވެސް އިސްބޭފުޅަކު ނުކުމެފައެއް ނުވެ އެވެ. އަދި ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރި ޒުވާނުންގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނުންނެއް ވެސް މިރޭ ބައިވެރިވެފައެއް ނުވެ އެވެ.