03 Aug 2016, 09:03
ކައިވެންޏަކީ ކެރިއަރަށް އެޅޭ ހުރަހެއް ކަމަށާއި، ކައިވެންޏަށް ފަހު އަންހެން ފަންނާނުނަށް ފިލްމީ ދާއިރާގައި އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށް ބުނާ ވާހަކައާ އެއްބަސް ނުވާ ކަމަށް ކާމިޔާބު ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝިލްޕާ ބުނީ، ކައިވެންޏަކީ އެކްޓިންގ ކެރިއަރު ހުއްޓުމަކަށް އަންނަ ސަބަބެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އެގޮތުން ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ އަންހެން ފަންނާނުން ކަމުގައިވާ ކާޖޮލް އަދި ކަރީނާ ފަދަ ތަރިން މިސާލަކަށް ބެލުމަށް ޝިލްޕާ ވަނީ އެދިފައެވެ.
ޝިލްޕާ ބުނީ ކައިވެންޏަށް ފަހު، އަންހެން ފަންނާނުންގެ ފިލްމުތައް މަދުވަނީ ކައިވެނީގެ ސަބަބުން ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް ހުރަސް އެޅޭތީ ނޫން ކަމަށާއި، އެއީ އަމިއްލަ އަށް އިޚްތިޔާރު ކުރާ ގޮތް ކަމަށެވެ.
ކައިވެންޏަށް ފަހު އިތުރުވާ ޒިންމާތަކާ އެކު ކޮންމެ ފިލްމަކަށް އެއްބަސްވުމުގެ ބަދަލުގައި، އެންމެ ރަނގަޅު ފިލްމަކަށް އާނ ބަސް ބުނަނީ ކަމަށް ޝިލްޕާ ބުންޏެވެ.
ނަވާރަސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ބާޒިގަރް" އިން ބޮލީވުޑަށް ނުކުތް ޝިލްޕާ ކައިވެނި ކުރީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ފިލްމެއްގެ މުހިންމު ރޯލަކުން އޭނާ ފެނިފައެއް ނުވެ އެވެ.
ނަމަވެސް ޓީވީ ޝޯވތަކުގައި އޭނާ އަންނަނީ ބައިވެރިވަމުންނެވެ. އެކަމާ ގުޅިގެން ޝިލްޕާ ބުނީ މެދުކެނޑުމަކަށް ފަހު އެނބުރި އަންނަން ބޭނުން ވަނީ ވަރަށް ރަނގަޅު ފިލްމަކާ އެކުގައި ކަމަށެވެ. ނަމަވެސް އަދި ހިތްހަމަޖެހޭ ކަހަލަ ރޯލެއް ނުލިބޭ ކަމަށާއި، ޓީވީ އަށް އިސްކަން ދެނީ އެހެންވެގެން ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.
އަދި އެއީ އޭނާގެ ސަޕޯޓަރުންނާ މެދު ގާތް ގުޅުމެއް ބާއްވަން ރަނގަޅު ގޮތެއް ކަމަށް ވެސް ޝިލްޕާ ބުންޏެވެ.
ޝިލްޕާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކުޑަކުދިންނަށް ޚާއްސަ ޑާންސް ޝޯވ އަކުންނެވެ.