މާލޭ ސިޓީ ކައުންސިލުން މާލޭގައި އުފެދޭ ކުނިއުކާލުމަށް އުޅަނދުތަކާއި ވެހިކަލްތައް އެކި ފަހަރު މަތިން އިމަޖެންސީކޮށް ކުއްޔަށް ހޯދައިގެން ހަތް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 36.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލް އިދާރާއިން 2012 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމާލާތްތަކުގެ މައްޗަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށް މިއަދު ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބުނީ، އުޅަނދުތަކާއި ވެހިކަލްތައް ކުއްޔަށް ހިފުމުގެ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވި ނަމަވެސް ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަނާޅައި އާންމުކޮށް އުޅަނދުތަކާއި ވެހިކަލްތައް މާލޭ ސިޓީ ކައުންސިލުން ކުއްޔަން ހިފާފައިވާ ކަމަށެވެ.

މާލޭގެ ކުނި އުކާލަން މާލޭ ސިޓީ ކައުންސިލުން ހަތް މަސް ތެރޭގައި ހަރަދުކުރި ފައިސާގެ ތަފްސީލު --- ފޮޓޯ/ އޮޑިޓް ރިޕޯޓް

އެ މައްސަލައިގާ މާލޭ ސިޓީ ކައުންސިލް އިދާރާއިން އޮޑިޓް އޮފީހުގައި ބުނީ އުޅަނދުތައް ކުއްޔަށް ހިފާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ އެމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.

އެ ފައިސާއަކީ ބަޖެޓް ކުރެވިފައިވާ ފައިސާއެއް ނޫންކަމާއި އެއީ އިމަޖެންސީ ހާއްސަ ހާލަތެއް މެދުވެރިވެގެން ފިނޭންސް މިނިސްޓްރީގައި އެދުމުން، އެ މިނިސްޓްރީން ދޫކޮށްފައިވާ ފައިސާ ކަމަށް ސިޓީ ކައުންސިލުން ބުނި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެމަޖެންސީގައި ވެހިކަލް ކުއްޔަށް ހިފަން މެދުވެރިވީ މާލޭގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ނުހިނގައި ދިގުލައިގެން ދިއުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން މާލޭގައި އުފެދޭ ކުނިއުކާލުމަށް އުޅަނދުތަކާއި ވެހިކަލްތައް އެމަޖެންސީކޮށް ނަގާފައިވާކަން ހާމަވެފައިވާއިރު، މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމަށް އެގްރިމެންޓަކާ ނުލައި ޓަގްބޯޓެއް ކުއްޔަށް ހިފިކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ، މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތުގައި ތިން ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފި އެ ޓަގް ބޯޓަށް ތިން ދުވަހަށް ޖުމްލަ 79500 ރުފިޔާ ދައްކާފައިވާ ކަމަށެވެ.

މިއަދު ނެރުނު އޮޑިޓް ރިޕޯޓްގައި މާލޭ ސިޓީ ކައުންސިލުންދޭ ބައެއް ހިދުމަތްތައް ދިނުމާގުޅޭ ގަވާއިދުތަކާއި އުސޫލްތައް 2013 ވަނަ އަހަރުގެ ނިޔަލަށް އާއްމުކޮށްފައިނުވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތައް އެކިފަހަރު އެކިގޮތަށް ޖޫރިމަނާކުރާކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ބުނެފަ އެވެ.