02 Aug 2016, 20:08
ސިނަމާލެ ފްލެޓް އިމާރާތާއި މާލެހިޔާ ފްލެޓް އިމާރާތްތަކުގެ މަރާމާތާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފަށްކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވެފައިވަނީ މާލޭ ސިޓީ ކައުންސިލް އިދާރާއިން 2012 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ ތިން މުއާމަލާތެއްގެ މައްޗަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށް މިއަދު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓަކުންނެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ސިނަމާލެ ފްލެޓް ތަކާއި މާލެހިޔާ ފްލެޓްތައް މަރާމާތާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރާނެ މުއްދަތެއް އިއުލާނާއި މައުލޫމާތު ކަރުދާހުގައި ބަޔާންނުކޮށް، 30 މިލިއަން ރުފިޔާއަށް 10 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.
އެކަމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އެ ފަރާތްތަކުން ހުށަހަޅާ އަގާއި މުއްދަތު އެނގޭ ގޮތަށް ލިޔެ އެ ފަރާތްތަކުގެ ސޮއި ހޯދަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން މަސައްކަތުގެ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވި ނަމަވެސް ޓެންޑާ އިވެލުއޭޝަން ބޯޑް މެދުވެރިނުކޮށް މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައަޅާއިވާކަން ވެސް ވަނީ އޮޑިޓް ރިޕޯޓުން ހާމަވެފައެވެ.
ސިނަމާލެ ފްލެޓް އިމާރާތާއި މާލެހިޔާ ފްލެޓްތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް މަސައްކަތްކުރިކަން ކަށަވަރުނުކޮށް މަސައްކަތާއި ހަވާލުވި ފަރާތަށް ފައިސާ ދޫކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.
އެގޮތުން، ފްލެޓް އިމާރާތްތަކުގެ މަރާމާތާއި ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކުރި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގައި ކުންފުނިން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކަށް ފުރަތަމަ ތިން މަހު، މަހަކު ފަސް ލައްކަ ރުފިޔާ އަދި އޭގެ ފަހުން އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ކޮންމެ މަހަކު 250 ހާސް ރުފިޔާ މަސައްކަތް ހަވާލުވި ކުންފުންޏަށް ދޭންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން 29 އޭޕްރިލް 2012 އިން ފެށިގެން 2014 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް 8.1 މިލިއަން ރުފިޔާ މަސައްކަތް ހަވާލުވި ކުންފުންޏަށް ސިޓީ ކައުންސިލުން ދީފައިވެ އެވެ.
އެ ފައިސާ އެކި ފަހަރުމަތިން މަސައްކަތް ހަވާލުވި ކުންފުންޏަށް ދޫކުރަމުންދިޔަ އިރު، އެ ކުންފުނިން ހުށަހަޅާފައިވާ ބިލްތަކުގައި ނިމިފައިވާ ކަމުގެ ތައްގަނޑު ޖަހައި އިދާރީ މުވައްޒަފަކު ސޮއިކޮށްފައިވީ ނަމަވެސް އެ މަސައްކަތްތަކަކީ އެ ކުންފުނިން ނިންމާފައިވާ މަސައްކަތްތަކެއްކަން ބަލައި ކަށަވަރު ކޮށްފައިވާކަން އެނގޭފަދަ އިންސްޕެކްޝަން ރިޕޯޓެއް ތައްޔާރު ކޮށްފައި ނުވާކަން ވަނީ އޮޑިޓާ ޖެނެރަލް އޮފީހަށް ފާހަގަ ކުރެވިފައެވެ.
އެހެންކަމުން މަސައްކަތް ހަވާލުވި ފަރާތުން ހުށަހެޅި ބިލްތަކުގައިވާ މަސައްކަތްތަކަކީ ކޮށް ނިމިފައިވާ މަސައްކަތްތަކެއްތޯ ބަލައި ޗެކްނުކޮށް ފައިސާ ދިނުމުން 2014 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް މަސައްކަތާ ހަވާލުވި ކުންފުންޏަށް ދީފައިވާ ފައިސާއަކީ އެ ކުންފުންޏަށް ދޭންޖެހޭ ފައިސާކަން ޔަގީން ނުކުރެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.