02 Aug 2016, 19:07
ބަޣްދާދު(އޭއެފްޕީ) – ކަރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ، އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނަށް ދަތުރުކުރުން މަނާކުރުމުގެ އަމުރެއް ބޮޑުވަޒީރު ހައިދަރު އަލް އަބަދީ މިއަދު ނެރުއްވައިފި އެވެ.
އެފަދަ އަމުރެއް ނެރެފައިމިވަނީ، އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެގައުމުގެ ޑިފެންސް މިނިސްޓަރު ޚާލިދު އަލް އުބައިދީ، މަޖިލީހުގެ ރައީސް ސާލިމް އަލް ޖުބުރީ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންތަކަކީ ކޮރަޕްޓް އަދި އޭނާ ބްލެއިކް މެއިލް ކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅުންކަމަށް ތުހުމަތުކުރެއްވުމުން ނެވެ.
ޑިފެންސް މިނިސްޓަރުގެ އޮފިޝަލް ޓްވީޓާ އެކައުންޓުން ވަނީ، ކޮރަޕްޓް ކޮންޓްރެކްޓްތަކެއް ފާސްކުރަން އޭނާއަށް ބްލެކްމެއިލް ކުރި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ނަންތައް ވެސް ހާމަކޮށްފައެވެ.
ބޮޑުވަޒީރު އަބަދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޑިފެންސް މިނިސްޓަރު ތުހުމަތު ކުރެއްވި ބޭފުޅުންނަށް ދަތުރުކުރުން މަނާކުރާ ވަގުތީ އަމުރެއް ނެރުއްވީ އެ ތުހުމަތުތައް ތަހުގީގުކޮށް އޭގެ ތެދުކަން ކަށަވަރުކުރުމަށް ކަމަށެވެ.
ނަމަވެސް ރައްޔިތުން މަޖިލީހަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އިއްޔެ ހާޒިރުކުރި ޑިފެންސް މިނިސްޓަރު އުބައިދީ އަށް އެ އަމުރު ނެރެފައިވާކަމެއް އަދި ސާފެއް ނުވެއެވެ. އަދި އަމުރު ނެރުއްވާފައިވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ނަންތަކެއް ވެސް ބޮޑުވަޒީރު އަބަދީގެ ތަރުޖަމާން ދެއްވާފައެއްނުވެ އެވެ.
ދަތުރުކުރުން މަނާ ކުރާ އަމުރެއް ނެރުއްވުމުގެ އިތުރުން ބޮޑުވަޒީރު އަބަދީ އިއްޔެ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއްގެ މައްޗަށް ކުރެވޭ އެ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރެއްވުމަށް އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގަވައި، އެކަމުގެ މަސައްކަތް މަޖިލީހުގެ ކޮމެޓީއަކުން ކުރެއްވުމަށް އަންގަވައިފައެވެ.
އިރާގުގެ ޑިފެންސް މިނިސްޓަރާއި ރައްޔިތުން މަޖިލީހުގެ ރައީސާއި ބައެއް މެމްބަރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައި މިވަނީ، އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ އަތް ދަށުގައިވާ އީރާޤްގެ މޫސަލްގެ ދެވަނަ ސިޓީ އަތުލުމަށް ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.