އެމެރިކާގެ މަލްޓިނޭޝަނަލް އައިޓީ ކުންފުނި ހިއުލެޓް ޕެކާޑް ނުވަތަ އެޗްޕީއިން، ދެހާސް ޕައުންޑަށް ވުރެ އަގުބޮޑު ކޮމްޕިއުޓަރުތަކެއް، އެންމެ ދެ ޕައުންޑަށް ވުރެ މަދު އަދަދަކަށް އޮޅުމަކުން ވިއްކާލައިފި އެވެ.

އެޗްޕީ ޔޫކޭގެ އޮންލައިން ސްޓޯރުގައި، އެކުންފުނީގެ އަގުބޮޑު ލެޕްޓޮޕެއް ވިއްކަން ޖަހާފައި އޮތީ އެންމެ 1.58 ސްޓާލިންގ ޕައުންޑަށެވެ. އޭގެ "ކުރީގެ، އަސްލު އަގު"ގެ ގޮތުގައި ޖަހާފައި އޮތީ 2،378 ސްޓާލިންގ ޕައުންޑު ކަމަށް އެ ސްޓޯރުގައި ޖަހާފައި އޮތެވެ.

މި އޮޅުމާއި އެކު އޮންލައިން ސްޓޯރުގައި އިޝްތިހާރު ޖެހުމާ އެކު ގިނަ ބަޔަކު ވަނީ އެ އޮޅުމުގެ ފައިދާ ނަގައި، ލެޕްޓޮޕް ގަތުމަށް އޯޑަރު ދީފައެވެ.

އެހެން ނަމަވެސް އެޗްޕީއަށް މިކަން ފާހަގަވެ، އެކުންފުނީގެ ޔޫކޭ އޮންލައިން ސްޓޯރު ޑައުންކޮށްލައި، މައްސަލަ ރަނގަޅު ކުރި އެވެ. އަދި ކުރިން ހުރި މައްސަލައާ އެކު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް ގަބޫލު ނުކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެޗްޕީއިން ބުނީ، ދެ ޕައުންޑަށް ވުރެ ކުޑަ އަގަކަށް އެކުންފުނިން އޮޅުމަކުން ވިއްކާލި ލެޕްޓޮޕުތަކަށް ކަސްޓަމަރުން ދެއްކި ފައިސާ ރީފަންޑު ކޮށްދޭނެ ކަމަށެވެ.

"އެގޮތަށް ކަންތައް ދިމާވީ ދިމާވި މައްސަލައަކާ ގުޅިގެން. މި ކުންފުނީގެ ޔޫކޭ ވެބްސައިޓުގައި ބައެއް ޕްރޮޑަކްޓްތަކުގައި ހުރީ ނުބައި އަގެއް ޖެހިފައި. މި މައްސަލަ މިހާރު ވާނީ ހައްލު ކުރެވިފައި،" އެޗްޕީއިން ބުންޏެވެ.