02 Aug 2016, 17:23
ޖޫނިއާ ޗެމްބާސް އިންޓަނޭޝަނަލުން ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް އިފްތިތާހު ކޮށްފައިވާ "ޕީސް އިޒް ޕޮސިބަލް" ކެމްޕޭނުގައި ރާއްޖޭގެ ގިނަ ކުންފުނިތަކަކާއި ޖަމިއްޔާތަކުން ބައިވެރިވެއްޖެ އެވެ.
ޝީ ބިލްޑިންގްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ޕީސް އިޒް ޕޮސިބަލް ކެމްޕޭނުގައި ބައިވެރިވެ، 11 ފަރާތަކުން ވަނީ ސުލްހަވެރިކަމަށް ސޮއި ކޮށްފައެވެ.
އެއީ ކޮކާ ކޯލާ، ޕްރިންޓް ލެބް، ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިން ޔޫތު (ރަފީ)، އުރީދޫ، އެސްޓީއޯ، ސޮނީ ސްޕޯޓްސް، ޕީއެސްއެމް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އެމްއޭސީއެލް، މޯލްޑިވް ގޭސް އަދި އދ. އެވެ.
ޕީސް އިޒް ޕޮސިބަލް ކެމްޕޭނު އިފްތިތާހު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕީސް އިޒް ޕޮސިބަލް ކެމްޕޭނަކީ ޖޭސީއައި އިންޓަނޭޝަނަލްގެ އިނީޝިއޭޓިވް އެކެވެ. މި ކެމްޕޭން މިއަދު ލޯންޗު ކުރި ރަސްމިއްޔާތުގައި ޖޭސީއައި އިންޓަނޭޝަނަލްގެ ރައީސް، ނައިޖީރިއާގެ ޕަސްކާލް ޑިކޭ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭސީއައިގެ ރައީސް ޕަސްކާލް ޑިކޭ ވިދާޅުވީ ސުލްހައަކީ އެކުގައި މަސައްކަތް ކުރުމާއި، ބަލައިގަތުމާއި، އިހްތިރާމު ކުރުމާއި އަދި ވިސްނުމާ ގުޅިފައިވާ ކަމެއް ކަމަށާއި، ސުލްހަވެރި ނޫން ތަނެއްގައި އެއްވެސް ކަމެއް ރަނގަޅަށް ނުހިނގާނެ ކަމަށެވެ.
ޖޭސީއައިގެ ރައީސް ޕަސްކާލް ޑިކޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ވިޔަފާރިއެއް ނުހިނގާނެ ހަމަޖެހުމެއް ނެތް މާހައުލެއްގައެއް. އަހަރެމެން އެބަ ޖެހޭ ވިޔަފާރިތައް ރަނގަޅަށް ހިނގުމަށާއި މުޖުތަމައުގެ ފަރުދުން ރަނގަޅަށް ދިރިއުޅެވޭނެ ފަދަ މާހައުލެއް ގާއިމު ކުރަން. ސަރުކާރުތަކާއި މުއައްސަސާތަކުން ވާ ވައުދުތައް އެފަރާތްތަކަށް ފުއްދައިދެވޭނެ ފަދަ މާހައުލެއް ގާއިމު ކުރަން. ޅާ ދަރީން ހެދި ބޮޑުވާން އެކަށޭނަ މާހައުލެއް ގާއިމު ކުރަން،" ޖޭސީއައިގެ ރައީސް ޕަސްކާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕީސް އިޒް ޕޮސިބަލް ކެމްޕޭނާއި އެހެނިހެން މަޝްރޫއުތަކުން ވެސް ހާސިލުކުރަން ބޭނުންވާ މައިގަނޑު ތިން މަގްސަދެއް އޮންނަ ކަމަށެވެ. އެ ތިން ކަމުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ސުލްހަވެރިކަމާއި، މަސަލަސްކަމާއި ދެމެހެއްޓެނިވިކަމެވެ.
ޖޭސީއައި މޯލްޑިވްސްއިން މިއަދު ރާއްޖޭގައި ޕީސް އިޒް ޕޮސިބަލް ކެމްޕޭން އިފްތިތާހު ކުރި އިރު، މި ކެމްޕޭނާ ގުޅުވައިގެން ބައެއް ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ޕީސް އިޒް ޕޮސިބަލް ކެމްޕޭނު އިފްތިތާހު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް ވިދާޅުވީ، ޕީސް އިޒް ޕޮސިބަލް ކެމްޕޭނާ ގުޅިގެން، ބައިނަލްއަގުވާމީ ސުލްހައިގެ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު 21 ވަނަ ދުވަހު މާލޭގައި "ޕީސް ރަން" ނުވަތަ ސުލްހައިގެ ދުވުމެއް ބާއްވަން ރާވާފައިވާ ކަމަށެވެ.
ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދި އެ ދުވަހާ ހަމައަށް ބައެއް މުބާރާތްތައް ބޭއްވުމަށް ރާވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން، ކެނެޑާގެ ކެބެކްގައި މި އަހަރު އޮންނަ ޖޭސީއައި ވޯލްޑް ކޮންގްރެސްއަށް ދިއުމުގެ ފުރުސަތު ލިބޭ ފޮޓޯ މުބާރާތަކާއި، ސޮނީ ސްޕޯޓްސްއާ ގުޅިގެން ހަފްތާއެއްގެ ދުވަހަށް ބާއްވާ ޗެރިޓީ ރަން އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މި ހަރަކާތްތަކާ ގުޅޭ އިތުރު މައުލޫމާތު ކުރިޔަށް އޮތް ތަނުގައި ޖޭސީއައި މޯލްޑިވްސްއިން ހާމަ ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.