ހެންވޭރުގައި ހުންނަ ގެއެއްގެ ދެ ވަނަ ފަންގިފިލަގައި އަލިފާން ރޯވެއްޖެ އެވެ. އަލިފާން ރޯވެފައި ވަނީ ހ. ފިލްމީ ސައިޓުގަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު "ސަން" އަށް ވިދާޅުވީ، ސެނަހިޔާ ހޮސްޕިޓަލުގެ ފުރަގަހުން އޮންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި ވަރަށް ބޮޑަށް އަލިފާން ރޯވި ކަމަށާއި ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ 5:15 އެހާކަންހާއިރު ކަމަށް އަދުނާން ވިދާޅުވި އެވެ.

ހ. ފިލްމު ސައިޓުގައި އަލިފާން ރޯވުމުން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

އަލިފާން ރޯވި ގެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ބުނީ އަލިފާން ރޯވި ގެއިން އަދިވެސް ކޮންމެ ވެސް ވަރަކަށް ދުން އަރަމުންދާ ކަމަށާއި ނަމަވެސް އަލިފާނުގެ އަސަރެއް ނުފެންނަ ކަމަށެވެ. ދުން އަރަމުންދަނީ ބަދިގެއެއްގެ ކަހަލަ ގޮތަކަށް ހުރިތަނަކުން ކަމަށާއި އެ ސަރަހައްދުގައި ފުލުހުނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ހ. ފިލްމު ސައިޓުގައި އަލިފާން ރޯވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.