ތުރުކީގެ މައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާ ދެކޮޅަށް އެގައުމުގެ ރައީސް ރަޖަބު ތައްޔިބް އުރުދުގާން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.

ތުރުކީގެ ރައީސްގެ ލޯޔަރު ވިދާޅުވީ، ތުރުކީގެ މައި ތިން ޕާޓީގެ ތެރޭގައި ހިމެނޭ ރިބަލްކިއަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ލީޑަރު ކަމާލް ކުލުޗްރަދޯލު އަދި ނެޝަނަލިސްޓް މޫވްމަންޓް ޕާޓީ (އެމްއެޗްޕީ)ގެ ލީޑަރު ދެވްލެތު ބަހްސެލީ އާ ދެކޮޅަށް ރައީސް އުރުދުގާން އުފުލާފައިވާ ހުރިހަ ދައުވާތަކެއް އަނބުރާ ގެންދިއުމަށް އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް ތުރުކީގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕުރޯ ކާޑިޝް ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ މަޖިލިސް މެމްބަރުންނާ ދެކޮޅަށް ރައީސް އުދުރުގާން އުފުލާފައިވާ ދައުވާތަކެއް އަނބުރާ ގެންދިއުމަކަށް އަދި ނިންމާފައެއްނުވެ އެވެ.

ސިޔާސީ އިދިކޮޅު ދެ ޕާޓީގެ ލީޑަރުންނާ ދެކޮޅަށް ރައީސް އުރުދުގާން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ހުށަހެޅުމުން ސީއެޗްޕީގެ ލީޑަރު ކަމާލް ވެސް ވަނީ ރައީސް އުރުދުގާންއާ ދެކޮޅަށް އޭނާ އުފުލާފައިވާ ދައުވާތައް ވެސް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

އަދި އެމްއެޗްޕީގެ ލީޑަރު ބަހްސެލީ ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަކީ ރަނގަޅު ފިޔަޅެއް ކަމަށާއި އެކަމަކީ ސިޔާސީ ޕާޓީތަކާ އޮތް ގުޅުން ބަދަހިވާނެ ކަމެއް ކަމަށް ބުނެ އެކަމަށް ރައީސް އުރުދުގާން އަށް ޝުކުރު އަދާ ކޮށްފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ނާކާމިޔާބު ވުމަށްފަހު، މިދިޔަ ހުކުރު ދުވަހު އަންކާރާގައި ވާހަކަދައްކަވަމުން އުރުދުގާން ވަނީ އެމަނިކުފާނަށް ފާޑު ކިޔައިގެން ޖަލަށް ލާފައި ތިބި މީހުންނަށް މައާފް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. (އަނަދަލޫ ނޫސް އެޖެންސީ)