02 Aug 2016, 17:26
މިދިޔަ ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި މިންވަރަށްވުރެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި މިންވަރު ނުވަތަ އޮކިއުޕެންސީ ރޭޓް މަތިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޖޫންމަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ޖޫންމަހު ގެސްޓްހައުސް ތަކުގެ އޮކިޕެންސީ އަކީ 18.4 ޕަސެންޓެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު ހުރީ 14.6 ޕަސެންޓްގައެވެ. އެއީ 3.9 ޕަސެންޓްގެ ކުރިއެރުމެކެވެ. ރިސޯޓްތަކަށް ބަލާއިރު މިދިޔަ އަހަރު ޖޫންމަހުގެ އޮކިއުޕެންސީ އަކީ 59.6 ޕަސެންޓެވެ. ނަމަވެސް މި އަހަރު އެ އަދަދު ހުރީ 54.7 ޕަސެންޓްގައެވެ. އެއީ 4.9 ޕަސެންޓްގެ ވެއްޓުމެކެވެ.
ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މަހުންމަހަށް އިތުރުވަމުން އަންނަ އިރު، ރިސޯޓްތަކުގެ އޮކިއުޕެންސީ ނުވަތަ އެ ތަންތަނަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރަންދާ މިންވަރަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރިސޯޓްތަކުގެ ޖުމްލަ އޮކިއުޕެންސީ 2.3 ޕަސެންޓް ދަށްވެފައިވާ އިރު ގެސްޓްހައުސްތަކަށް ވަނީ މިއަހަރު ޖޫން މަހުގެ ނިޔަލަށް 7.9 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ.
ޓޫރިސްޓު ހޮޓާތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު މިއަހަރު ޖޫން މަހުގެ އޮކިއުޕެންސީ ވަނީ 0.4 ޕަސެންޓް އިތުރުވެފައެވެ. ސަފާރީ އުޅަނދުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަހާ އަޅަައިބަލާއިރު މިއަހަރު ޖޫންމަހު އެފަދަ އުޅަނދުތަކުގެ އޮކިއުޕެންސީ ވަނީ 1.5 ޕަސެންޓް އިތުރުވެފައެވެ.
މި އަހަރުގެ ޖޫން މަސް ނިމުމާ ހަމައަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަސް ނިމުމާ ހަމައަށް 619,921 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް ތަފާސް ހިސާބުތަކުން ދަށްކައެވެ.
މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 15 ޕަސަންޓުގެ ދަށްވުމެކެވެ. މެއި މަހު ރާއްޖެއަށް 93،228 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.