ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލުގެ ވަކިވަކި މާއްދާތަކަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން އެގޮތަށް ހުޅުވާލީ މިއަދުގެ ބޭއްވި އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީން އެގޮތަށް ނިންމުމުން ނެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީން އެ ބިލާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ބިލަށް އިސްލާހު ހުށަހަޅުއްވާ ފަރާތްތަކުން މަޖިލީހުގެ އިދާރާއިން ދޭ ނަމޫނާއަކާ އެއްގޮތަށް ހިޔާލު ހުށަހެޅުން އެދޭ ކަމަށެވެ. އެގޮތުން ހިޔާލު ހުށަހަޅާއިރު ހިޔާލު ހުށަހަޅާ މާއްދާ ނަންބަރާއި އެ މާއްދާގައި ބަޔާންކޮށްފައި އޮތް ގޮތާއި އެ މާއްދާއަކަށް ހުށަހަޅަން ބޭނުންވާ އިސްލާހުގެ އިތުރުން އެ މާއްދާއަށް އިސްލާހު ހުށަހަޅާ ސަބަބު ބަޔާން ކުރަންޖެހެ އެވެ.

ވަކިވަކި މާއްދާތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ އްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ. މާރިޔާގެ އެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ވަނީ ތާއީދު ކުރައްވާފަ އެވެ.

ކޮމެޓީން މިއަދު ވަނީ އާންމުންނަށް ބިލުގެ ވަކިވަކި މާއްދާތަކަށް ހިޔާލު ހުށަހެޅޭނެ ސުން ގަޑިއެއްވެސް ކަނޑައަޅާފަ އެވެ. އެގޮތުން މި މަހުގެ 15ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ބިލުގެ ވަކިވަކި މާއްދާތަކަށް ހިޔާލު ހުށަހަޅަންޖެހޭނެ އެވެ.

މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި ވަނީ އަބުރުގެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން 14 ފަރާތެއް ކޮމެޓީއަށް ހާޒިރު ކުރަން އެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އަބުރުގެ ބިލު ދިރާސާކޮށް ނިންމާނެ ވަކި ތާރީހެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މި މަހުގެ 25ގެ ކުރިން ބިލުގެ މަސައްކަތް ނިންމުމަށް ވެސް މެމްބަރުން ވަނީ އެއްބަސްވެފަ އެވެ. އަދި އެގޮތަށް ވޯޓަށް އެހުމަށްފަހު އެ ނިންމުން ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.