02 Aug 2016, 15:29
ކެޕިޓަލް މާކެޓް ޑިވެލޮޕުމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އަށް މެމްބަރުން އައްޔަން ކުރެއްވުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނަވާ ބޭފުޅަކާ ހަވާލުކުރާ ގޮތަށް ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ 64 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މާލީ ސެކިއުރީޓީޒުއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައި ވަނީ ސީއެމްޑީއޭ އަށް މެމްބަރުން އައްޔަން ކުރާނީ "ވަޒީރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ" ކަމަށެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވަނީ މާލީ ސެކިއުރިޓީޒްގެ ގާނޫނަށް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.
އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ސީއެމްޑީއޭގެ ބޯޑު މެމްބަރުކަމުގައި ހުންނަވާ ބޭފުޅަކަށް ބޯޑު މެމްބަރު ކަމުން ވަކި ކުރެވޭނީ، ޖިނާއީ ކުށެއްކުރިކަން ޝަރުއީ ކޯޓަކުން ސާބިތުވެ އޭނާގެ މައްޗަށް ހުކުމެއް އައުމުންނާއި މެމްބަރުކަމުގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރުމުން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ އަމިއްލައަށް ބޯޑު މެމްބަރުކަމުން ވަކިވެވަޑައިގަންނަވަން އެއްވެސް މެމްބަރަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ހުށަހަޅައި އެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަތުމުން އެބޭފުޅަކު އެ މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.
އެ މަގާމަށް އައްޔަންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް މެމްބަރަކު އަމިއްލަފުޅަށް މެމްބަރުކަމުން ވަކިވެވަޑައިގެންފި ނަމަ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ މެމްބަރެއްގެ ބަދަލުގައި ބޯޑު މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރަންވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
މާލީ ސިކިއުރިޓީޒް ގާނޫނުގައި މިހާރު ބުނެފައި ވަނީ ސީއެމްޑީއޭގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް އެވަގުތަކު ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނޭ މިންވަރާއި ގޮތްތައް ކަނޑައަޅައި އަދި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގެ ޝަރުތުތައް އެކަށައަޅާނީ އެ އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން ރައީސުލްުޖުމްހޫރިއްޔާ ކަމަށެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އޮތޯރިޓީގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް އެވަގުތަކު ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނޭ މިންވަރާއި ގޮތްތައް ކަނޑައަޅައި، އަދި ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގެ ޝަރްޠުތައް އެކަށައަޅާނީ ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ތަންފީޒުކުރާ ނުވަތަ ބަލަހައްޓާ ގާނޫނީ ނުވަތަ ރެގިއުލޭޓަރީ ކަންތައްތަކާއި ގުޅޭ ގޮތުން ސީއެމްޑީއޭއަށް ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
ދެހާސް ހަވަނަ އަހަރުގެ ތެރޭގައި އެކުލަވާލި މާލީ ސެކިއުރިޓީޒު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުއްވި ސަބަބެއް ރިފާއު ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މާލީ ސެކިއުރީޓީޒު މާކެޓު ތަރައްގީކޮށް ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސުގެ އެކި ބާވަތުގެ ޕުރޮޑަކްޓުތައް ރާއްޖެއަށް މާކެޓުކޮށް ތައާރަފުކުރުން ކަމަށެވެ. އަދި ގިނަ ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް މަގުފަހި ކުރުމަކީ ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ރިފާއު ވިދާޅުވި އެވެ.