"ދުވަސް ފެށިގެން އަންނަ ވަގުތު ދުނިޔެ އިން އިވޭ އެންމެ ރީތި އަޑަކީ ބަންގީގެ އަޑު" ކަމަށް އެމެރިކާގެ ރައީސް ބަރަކް ހުސައިން އޮބާމާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

ނަމަވެސް ބަލްގޭރިއާގެ ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އަޓާކާ ޕާޓީގެ އެކްޓިވިސްޓުންނާއި އެ ޕާޓީގެ އިސް ފަރާތްތަކަށް ބަންގީގެ އަޑު ވެފައި ވަނީ އެންމެ ބޮލަށް އުނދަގޫވާ އަޑު ކަމަށެވެ.
އެހެންވެ އެމީހުން ވަނީ މުސްލިމުންގެ ނަމާދަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގުމަށް މިދިޔަ ހުކުރު ދުވަހު ބަލްގޭރިއާގެ ވެރިރަށް ސޯފިއާގައި ހުންނަ މިސްކިތެއްގެ ކައިރިއަށް އެއްވެފަ އެވެ.

ބަލްގޭރިއާގެ ވެރިރަށް ސޯފިއާގެ މެދުތެރޭގައި ހުންނަ ބާންޔާ ބާޝީ މިސްކިތަކީ މީލާދީން 1576 ވަނަ އަހަރު ބިނާކޮށްފައިވާ މިސްކިތެކެވެ. ބަލްގޭރިއާގައި ކޮމިއުނިސްޓް ވެރިކަމެއް އޮތް ދުވަސްވަރު ވެސް އެ މިސްކިތުގެ ލައުޑް ސްޕީކަރުތަކުން ބަންގީގެ އަޑު އިވެމުން ދިޔަ އެވެ. ނަމަވެސް އޭރުގެ ވެރިންނަށް އެކަން ބޮޑުވެގެން ހުއްޓުވާކަށް އުޅެފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަލްގޭރިއާ އަށް އައުމާ ގުޅިގެން އެ ގައުމުގެ މުސްލިމުންގެ އަޑުވެސް ކުރިއަށް ވުރެ ބޮޑަށް އުފުލިގެން ދިޔަ އެވެ. އަދި އެކަމުގެ ސަބަބުން އެގައުމުގައި އިސްލާމްދީނަށް ވަންނަ މީހުންގެ އަދަދު ވެސް ދިޔައީ އިތުރުވަމުންނެވެ.

ބަލްގޭރިއާގެ މުސްލިމުން އުފައްދާފައިވާ މޫމެންޓް ފޯ ރައިޓްސް އެންޑް ފްރީޑަމް ޕާޓީ އާއި އެ ގައުމުގެ ކަނާތުފިޔައިގެ އަޓާކާ [އެޓޭކް] ޕާޓީ އަކީ އެއްބަޔަކު އަނެއް ބައެއްގެ ރަނގަޅު ދުޝްމަނުންގެ ގޮތުގައި އުޅެމުން އަންނަ ބައެއް ކަމަށް ވިކިލީކްސް އިން ލީކްކުރި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސިއްރު ލިއުންތަކެއްގައި ބުނެފައިވެ އެވެ. އެލިއުންތައް ބުނާ ގޮތުން އެ ދެ ޕާޓީ ވެސް ދެމި އޮންނަނީ އަނެއްބައި މީހުންނާ މެދު އޮންނަ ދުޝްމަނު ކަމުން ހިތްވަރު ލިބިގެން ކަމަށް ވެސް އެލިއުންތައް ބުނެ އެވެ.

ދެ ޕާޓީގެ ކަންތައް އެހެން އޮއްވައި މިދިޔަ ހުކުރު ދުވަހު ދެ ބައިމީހުން ވަނީ މަގުމަތިން ބައްދަލުކޮށްފަ އެވެ. "ބަންގިއާ ދެކޮޅު މުޒާހަރާ" ކުރިން އިއުލާންކޮށްފައި ވާތީ ބަލްގޭރިއާގައި އުޅޭ ތުރުކީ ދަރިކޮޅުގެ މުސްލިމުންގެ އެތައް ސަތޭކަ ބަޔަކު ހުކުރު ވަގުތުގެ ތަންކޮޅެއް ކުރިން ބަންޔާ ބާޝީ މިސްކިތުގެ ބޭރުގައި މުސައްލަތައް ފަތުރާލި އެވެ.
އަދި މުސްލިމުންނާ ދެކޮޅަށް ނުކުންނަ އެޓޭކް ޕާޓީގެ ހަރަކާތްތައް ފެށޭނެ އިރެއްގެ އިންތިޒާރުގައި ނޫސްވެރިންނާއި ފުލުހުން ވެސް މިސްކިތް ކައިރީގައި މަޑުކޮށްލައިގެން ތިއްބެވެ.

ދުވަސް ފެށިގެން އަންނަ އިރު އޮބާމާ އަށް އިވިވަޑައިގަންނަވާ އެންމެ ރީތި އަޑު އިވެން ފެށުމާ އެކު އެޓޭކް ޕާޓީގެ މީހުން ބާންޔާ މިސްކިތުގެ ބޭރުގައި ތިބި މުސްލިމުންނާ ދިމާ އަށް ގާއުކަން ފެށި އެވެ. އެކަން ހުއްޓުވަން ބަލްގޭރިއާ ފުލުހުން މަސައްކަތް ނުކުރި ނަމަވެސް، މުސްލިމުން އެމީހުންނާ ދިމާއަށް އަންނަމުން ދިޔަ ގާބުރިތައް އަނބުރާ އައިކޮޅަށް ފޮނުވަން ފެށި އެވެ.

އެޓޭކް ޕާޓީގެ މީހުން މުސްލިމުންނާ ގައިގޯޅިވަމުން އަންނަން ފެށުމުން މުސްލިމުން ވެސް އެމީހުންނަށް އެ ސަރަހައްދުން ލިބެން ހުރި ހުރިހާ އެއްޗެއް އެއްކުރި އެވެ. ނަމާދުކުރަން ތިބި މީހުންނާ ދިމާ އަށް ގާއުކުމުގެ އިތުރުން މުސްލިމުން ނަމާދުކުރުމަށް ބޭނުންކުރި ބައެއް މުސައްލަތަކުގައި އެމީހުން ރޯކުރި ނަމަވެސް ބަލްގޭރިއާ ފުލުހުން ހައްޔަރު ކުރަން ފެށީ މުސްލިމުންނެވެ.

ބަލްގޭރިއާ ސަރުކާރުގެ މަތީ ފަންތީގައި ތިބި ބައެއް މީހުން ރުޅިއަތުވެދާނެތީ އާއި އެޓޭކް ޕާޓީގެ ގާ އުކުމުގައި ބައިވެރި ބައެއް މީހުންނަކީ އެ ގައުމުގެ ޕާލަމެންޓް މެމްބަރުން ކަމަށް ވާތީ އެއިގެ ތެރެއިން މީހަކު ހައްޔަރުކުރާކަށް ފުލުހުންނަކަށް ނުކެރުނެވެ. އެހެން ކަމުން ކާމިޔާބު ލިބުނީ ހަމަނުޖެހުން ހިންގި މީހުންނަށެވެ. ނާކާމިޔާބުވީ އާއްމު މަސްލަހަތާއި ބަލްގޭރިއާގެ ގާނޫނު އަސާސީއަށެވެ. އެއީ ކޮންމެ މީހަކަށް ވެސް އެމީހަކު އިހުތިޔާރުކުރާ ދީނަކަށް އުޅުމުގެ މިނިވަންކަން ދީފައިވާ ގާނޫނު އަސާސީއެއް ކަމުގައި ބަލްގޭރިއާގެ ގާނޫނު އަސާސީ ވާތީ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ އެއް ކަނެއްގައި ހިނގާ މިފަދަ ކަންތައްތަކަށް ގިނަ ބައެއްގެ ސަމާލުކަން ނުލިބުނަސް މިކަމަކީ މެދުއިރުމަތީގައި ހިނގާ އުތުރިއެރުންތަކުގެ ރާޅުތަކުގެ ތެރެއިން ރާޅެއް ދުނިޔޭގައި ކުރި ބޮޑު ދެ ހަނގުރާމަ ކުރި ސަރަހައްދަށް ޖެހި ކަމުގެ ނިޝާނެއް ކަމަށް ބެލިދާނެ އެވެ.

މިސްރުގައި ކްރިސްޓިއަނުންގެ ޗާޗްތައް އަންދަމުން ދާތީ ބަލްގޭރިއާގައި މުސްލިމުންގެ މުސައްލަތައް އަންދަން ފެށީ ކަމަށް ވެސް ވެދާނެ އެވެ. ބޯލްކަން ސަރަހައްދުގައި މިފަދަ ކަމެއް ހިނގަން ފެށުމަކީ ތިން ވަނަ ފަހަރަށް އެ ސަރަހައްދުން ބޮޑު ނުބައެއް ފާޅުވާން އުޅޭކަމުގެ ނިޝާނެއް ކަމަށް ވެސް ބެލިދާނެ އެވެ. ނަމަވެސް ދުނިޔޭގެ ގިނަ ބަޔަކު އުއްމީދު ކުރާނީ އެފަދަ ގޮތެއް ނުވުމަށެވެ.

ބަލްގޭރިއާގެ ރަސްކަލެއް ކަމަށްވާ ފާޑިނަންޑް 1913 ވަނަ އަހަރު ވިދާޅުވެފައިވެ އެވެ. "އަހަރެންނަކީ ދަންމަރެއް ހިފައިގެން ހުއިތަކެއްގެ ތެރޭގައި ހިނގަމުންދާ ލޯއަނދިރި މީހެއް ފަދަ މީހެކެވެ. ދަންމަރު ދިއްކޮށްލި ކޮންމެ ދިމާއަކުން ހުއިތަކުގައި އަލިފާން ހިފާނެ އެވެ."

އެފަހަރު ކަންތައް ވެގެން ދިޔައީ އޭނާ ވިދާޅުވި ގޮތަށެވެ. އޭނާ ގެންގުޅުއްވި ދަންމަރުން އަލިފާން ރޯވެ އަނދައިން ދިޔައީ އަމިއްލަ ފުޅު ހުއިބޮނޑިތަކެވެ. ) ފުރަތަމަ ބޮޑު ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވީ އެއް ގައުމަކީ ބަލްގޭރިއާ އެވެ.(

މީހުންގެ އިހުސާސްތަކާ ގުޅިފައިވާ އެމީހުންގެ އަގީދާ އާ ގުޅުން ހުރި ކަންތައްތަކުގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ސިޔާސީ އެކި ފަރާތަކުން މިހާރު މަސައްކަތްކުރަމުންދާ ތަން މިފެންނަނީ ރަސްގެފާން ފާޑިނަންޑް ވިދާޅުވެފައިވާ ފަދައިންނެވެ. އަލިފާން ރޯކޮށްފައިވާ ދަންމަރެއް ހިފައިގެން ހިކި ހުއިބޮނޑިތަކެއްގެ ތެރޭގައި ހިނގަމުންދާ ލޯއަނރި މީހެއް ފަދައިންނެވެ.

އެހެން ކަމަށް ވާނަ އެބޭފުޅުން ކުރައްވާ ކޮންމެ ކަމަކުން ދާނީ ހުޅު ހިފަމުންނެވެ. އަދި އެހުޅުގަނޑު ދުނިޔެއަށް ފެތުރެން ފެށުމުން ދުނިޔެ އޮންނާނީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ނޫން ބާ އެވެ؟
[މައުލޫމާތު: ދަ މޯރަލް ލިބަރަލް ޑޮޓްކަމް]