02 Aug 2016, 15:34
ސްޕެއިންގެ ބާސެލޯނާ ދޫކޮށްލުމަށްފަހު ކެމަރޫންގެ 28 އަހަރުގެ މިޑްފީލްޑަރު އެލެކްސް ސޯންގް ރަޝިއާގެ ރުބިން ކަޒާން އަށް ސޮއިކޮށްފި އެވެ.
ރުބިން ކަޒާން އަށް ސޯންގް ސޮއިކޮށްފައިވާކަން އެ ކްލަބުން ވަނީ އިއްޔެ ކަށަވަރުކޮށްދީފަ އެވެ. އޭނާއާއެކު ސްޕެއިންގެ ސޮސިއެޑާޑްގެ ބްރެޒިލް ފޯވަޑް ޖޮނަތަސް ވެސް ވަނީ ރުބިން ކަޒާންއާ ގުޅިފަ އެވެ.
ފާއިތުވެ ދެ ސީޒަނުގައި އިނގިރޭސިވިލާތުގެ ވެސްޓް ހާމް އަށް ލޯނުގެ ދަށުން ސޯންގް ކުޅުނު ނަމަވެސް، ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ސީޒަނުގައި އޭނާ ފެނިގެންދިޔައީ 15 މެޗުގައެވެ.
އާސެނަލް އިން 2012 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސާއާ ގުޅުނު ނަމަވެސް، ސޯންގް އަށް އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ބާސާ އިން އޭނާ ފެނިގެންދިޔައީ 29 ލީގު މެޗުގައެވެ.