މި އަހަރުގެ ޖޫން މަސް ނިމުމާ ހަމައަށް ރާއްޖެއަށް ހަ ލައްކަ ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ. މި އަހަރުގެ ޖެނުއަރީއިން ފެށިގެން ޖޫން މަސް ނިމުމާ ހަމައަށް 619,921 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މަހަކު އެއްފަހަރު ނެރޭ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި 79،034 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.

މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 15 ޕަސަންޓުގެ ދަށްވުމެކެވެ. މެއި މަހު ރާއްޖެއަށް 93،228 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކުގެ ޓްރެންޑު ދައްކަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު، އަންނަ ކަމެވެ.

ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ އެންމެ ބޮޑު މާކެޓެވެ. ޖޫން މަހުގެ ތެރޭގައި ޗައިނާއިން 28،653 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އިރު އޭގެ ކުރީ މަހުގައި ޗައިނާއިން އައީ މި އަދަދަށް ވުރެ ތިން ހާހަކަށް މަދު އަދަދެކެވެ.

ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސި ވިލާުންނެވެ. އިނގިރޭސި ވިލާތުން ޖޫން މަހު 5،893 ފަތުރުވެރިން ރާއްޖެ އައި އިރު، މިދިޔަ މެއި މަހު 7,253 ފަތުރުވެރިން އިނގިރޭސި ވިލާތުން އައެވެ.

ޖޫން މަހު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އިންޑިއާއިން 4،660 ފަތުރުވެރިން ރާއްޖެ އައި އިރު މިދިޔަ މަހު 6,651 އިންޑިއާއިން އައެވެ.

މެއި މަހު ޖަރުމަނުން ރާއްޖެއަށް 10،000 އަށް ވުރެ ގިނަ ފަތުރުވެރިން އައި އިރު ޖޫން މަހު އެ އަދަދު ވަނީ 4،617 އަށް ވެއްޓިފަ އެވެ.