އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބާއްވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އޮންނަ ތިން އަހަރުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހަށް ބަލައިގެންފި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތީ 55 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 19 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

ގާނޫނު އަސާސީގައި މިހާރު ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލުތަކުގެ އުމަރަކީ ތިން އަހަރު ދުވަސް ކަމަށެވެ.

ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ/ މަޖިލިސް

އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވީ ކައުންސިލުތަކުގެ އިންތިހާބު ކޮންމެ ތިން އަހަރު ދުވަހަކުން ބާއްވަން ޖެހުމުން ފަސް އަހަރު ދުވަހުގެ ރިޔާސީ ދެ ދައުރު ތެރޭގައި ކައުންސިލު އިންތިހާބު ތިން ފަހަރުގެ މަތީން ބާއްވަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ ދައުލަތުގެ މާލިއްޔަތުން ގިނަގުނަ ފައިސާތަކެއް ހަރަދުވާނެ ކަމެއް ކަމަށެވެ.

އާމިރު ވިދާޅުވީ ފަސް އަހަރު ދުވަހަށް ކައުންސިލެއްގެ ދައުރު އިންތިހާބު ކުރަން ޖެހޭ ގޮތަށް އޮތުމުން، ދައުލަތުގެ މާލިއްޔަތަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.