ރޮމޭނިއާގެ ރަސްކަމުގެ ނިޒާމެއް އޮތް އިރު، އެންމެ ފަހުން ރަސްގެފާނުގެ ގޮތުގައި އެގައުމުގައި ރަސްކަން ކުރެއްވި ރަސްގެފާނު މައިކަލް އެއްވަނައިގެ އަނބިކަނބަލުން، ރާނީ އޭން އަވަހާރަވެއްޖެ އެވެ.

ރޮމޭނިއާގެ އެންމެ ފަހުގެ ރަސްގެފާނުގެ އަނބިކަނބަލުން ރާނީ އޭން އަވަހާރަވީ، އެ ދެމަފިރިކަނބަލުން ދިރިއުޅުއްވަމުން ގެންދަވާ ސްވިޓްޒަލެންޑުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނިކޮށް، އުމުރުފުޅުން 92 އަހަރުގަ އެވެ.

ރޮމޭނިއާގެ ރަސްގެފާނު މައިކަލް، އެގައުމުގައި ރަސްކަން ދެ ފަހަރެއްގެ މަތިން ކުރެެއްވި އެވެ. އެއީ 1927 ޖުލައި 20 ވަނަ ދުވަހުން 1930 ޖޫން އަށްވަނަ ދުވަހަށް، އަދި ފަހުން 1940 ސެޕްޓެމްބަރު ހަޔަކުން 1947 ޑިސެމްބަރު 30 ވަނަ ދުވަހަށެވެ.

އެހެން ނަމަވެސް ރަސްގެފާނު މައިކަލް ރޮމޭނިއާގައި ރަސްކަން ކުރެއްވި އިރު ކައިވެނި ބައްލަވައިގެންފައެއް ނުވެ އެވެ. ރަސްގެފާނާއި ރާނީ އޭންއާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ ވެސް، ދެވަނަ ފަހަރަށް ރަސްކަން ކުރައްވައި، ރަސްކަމުން ވަކިވެވަޑައިގަތުމުގެ އެއް މަސް ދުވަސް ކުރިންނެވެ. އެއީ އިނގިރޭސި ރާނީ އެލިޒަބެތާއި ޕްރިންސް ފިލިޕްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރަސްގެފާނު ލަންޑަނަށް ވަޑައިގެން ހުންނަވަނިކޮށް، އެތަނުންނެވެ.

ރަސްގެފާނު މައިކަލްއާއި އޭން ކައިވެނި ބައްލަވައިގަތީ، ރަސްގެފާނު މައިކަލް ރަސްކަމުން ވަކިވެވަޑައިގެންނެވިތާ އަހަރެއް ފަހުންނެވެ.

ނަވާރަސަތޭކަ ސާޅީސް ހަތެއްގައި ކޮމިއުނިސްޓުން ގެނައި އިންގިލާބުގެ ތެރެއިން ރަސްގެފާނު މައިކަލްއަށް ބިރު ދައްކައިގެން ރަސްކަމުން އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވުމަށް ފަހު އެގައުމުގައި ޖުމްހޫރިއްޔަތެއް ގާއިމު ކުރި އެވެ. އެ ހާދިސާއަށް ފަހު ރަސްގެފާނު ރޮމޭނިއާއިން ބޭރަށް ވަޑައިގަތެވެ.

ރާނީ އޭންއާ ރަސްގެފާނު ކައިވެނި ބައްލަވައިގަތީ ގްރީސްގަ އެވެ. އެއަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު، އެ ދެމަފިރިކަނބަލުން ދިރިއުޅުއްވުމަށް ވަޑައިގަތީ ސްވިޓްޒަލެންޑަށެވެ.

އެ ދެކަނބަލުންނަށް ފަސް ދަރިކަބަލުން ލިބިވަޑައިގެންނެވި އެވެ.