02 Aug 2016, 13:55
ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމެންޓް ބޮޑީސް އޮފް ސައުތު އޭޝިޔާ (ފެމްބޯސާ)ގެ ހަތްވަނަ ސަރަހައްދީ ބައްދަލުވުން މިއަދު ފަށައިފި އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުމަކީ، ސައުތު އޭޝިޔާގެ ގައުމުތަކުގެ އިންތިހާބާބެހޭ އިދާރާތަކުގެ އިސްވެރިން ބައްދަލުކޮށް، އިންތިހާބުތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރުމުމަށް މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ޖުމްލަ އަށް ގައުމަކުން ބައިވެރިވާ އެ ބައްދަލުވުމުގައި، ރާއްޖޭގެ އިތުރުން ބައިވެރިވާ ގައުމުތަކަކީ، ބޫޓާން، ނޭޕާލް، ސްރީލަންކާ، އިންޑިޔާ، ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްގާނިސްތާނެވެ. އެ ބައްދަލުވުން މިއަހަރު ރާއްޖޭގައި ބާއްވާ އިރު އެންމެ ފަހުން ފެމްބޯސާގެ ބައްދަލުވުމެއް ބާއްވާފައިވަނީ ސްރީލަންކާގަ އެވެ. ފެމްބޯސާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މީގެ ހަ އަހަރު ކުރިން ބަންގްލަދޭޝްގެ ދާޑާގަ އެވެ.
ފެމްބޯސާގެ ހަތްވަނަ ސަރަހައްދީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަން ގެ ޗެއާމަން މަހިންދާ ދެޝަޕްރިޔާ ވާހަކަފުޅު ދައްކަވާފައިވެ އެވެ. އޭނާގެ ވާހަކަފުޅުގައި، ފެމްބޯސާ ގައުމުތަކުގެ ބައްދަލުވުމަކީ، ތަޖުރިބާ ހިއްސާކުރުމަށާއި، އެއް ގައުމު އަނެއް ގައުމަށް އިންތިހާބީ ކަންކަމުގައި އެހީތެރިވުމަށް މަޝްވަރާކުރުމާއި، މިއަހަރުގެ ތީމް އާ ގުޅޭ ގޮތުން ހިޔާލު ބަދަލު ކުރުން ކަމަށެވެ.
އިލްކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިންތިހާބީ އިދާރާތައް ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާގެ ވާހަކަފުޅުގައި، މުޅި ދުނިޔެ މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމުގެ ވިއުގައެއް ގާއިމް ކުރެވި ބޭނުން ކުރެވެމުން ދާއިރު، ކުރާ މަޝްވަރާތަކުން ލިބިދޭ ނަތީޖާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ޖެހޭކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އިންތިހާބުތައް ހަރަދު ކުޑަ ގޮތަކަށް ކުރިއަށް ގެންދެވޭނެ މަގު ކޮށަން ޖެހޭ ކަމަށާއި، އެގޮތުން ޓެކްނޮލޮޖީގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންޖެހޭކަމަށް ސުލައިމާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ފެމްބޯސާގެ ވެބްޕޯޓަލް އެއް އިފްތިތާހް ކޮށްފަ އެވެ. އެ ވެބް ޕޯޓަލް ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިސާމް އިފްތިތާހް ކޮށްދެއްވާފައިވާއިރު، އެ ވެބްޕޯޓަލްގެ ސަބަބުން ބައްދަލުވުމުގައި ބޭނުން ކުރެވިގެންދާ ކަރުދާހުގެ މިންވަރު ވަރަށް ބޮޑަށް ދަށް ވެގެން އަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ ވިދާޅުވި އެވެ. މިއަދު ތައާރަފް ކުރި ވެބް ޕޯޓަލް އަކީwww.fembosa.mvއެވެ.