އިސްލާމް އާބާދު : ހަނގުރާމަމަތީ މަތިންދާބޯޓުގެ 50 ބޯޓު ޕާކިސްތާނަށް ދިނުމަށް ޗައިނާ އެއްބަސްވެއްޖެކަން ޕާކިސްތާނުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ވައިގެ ބާރުތަކުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބީ.ބީ.ސީ ބުނިގޮތުގައި ޕާކިސްތާނަށް ފޯރުކޮށްދިނުމަށް ޗައިނާ ނިންމީ ޕާކިސްތާން ބައިވެރިކޮށްގެން ޗައިނާ އީޖާދުކޮށްފައިވާ JF-17 މަރުކާގެ 50 ބޯޓެވެ. ޕާކިސްތާނަށް ދޭންބޭނުންވާ މިމަރުކާގެ 50 ބޯޓު އުފައްދާނީ މިބާވަތުގެ މަތިންދާބޯޓު އުފެއްދުމަށް ދެޤައުމުގައި ތައްޔާރުކޮށްފައިވާ ކާރުޚާނާތަކުގައި ކަމަށްވެސް ޕާކިސްތާނުގެ ޢަސްކަރީ ދާއިރާތަކުން ބުނެއެވެ.

ޕާކިސްތާނާއި ޗައިނާ ގުޅިގެން އީޖާދުކުރި JF-17 މަރުކާގެ ފައިޓަރ ޖެޓަކީ، ޔޫރަޕްގެ ޔޫރޯ ފައިޓަރ ޖެޓާ، ޓެކްނޮލޮޖީގެ ގޮތުން ދާދި އެއްފެންވަރުގެ ޢަސްކަރީ މަތިންދާބޯޓެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާއިން މިބޯޓުތައް ޕާކިސްތާނަށް ދެނީ ހިލޭއެހީގައިކަން ނުވަތަ ދިގުމުއްދަތުގެ ލޯނެއްގެ ދަށުންކަން ނޫނީ ލޯނާއި ހިލޭއެހީ ހިމަނައިގެންކަން ޕާކިސްތާނުން ހާމަކޮށްފައެއް ނުވެއެވެ. މި 50 ބޯޓުގެ އަގު 10 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.

މިއީ، ޕާކިސްތާނުގެ ބޮޑުވަޒީރު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއިން ޕާކިސްތާނަށް ޢަސްކަރީ އެހީ ދިނުމަށް ދެޤައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޢަސްކަރީ އެއްބަސްވުން ތަކުގެ އިތުރުން ޗައިނާގެ އިޤްތިސާދީ، ޢިލްމީ އަދި ޓެކްނިކަލް އެހީތަކާއި ތަރައްޤީގެ ދާއިރާތަކުގައި ޗައިނާގެ ތަފާތު އެހީތައް ޕާކިސްތާނަށް ލިބުމުގެ އެއްބަސްވުންތަކުގައިވެސް ދެޤައުމުގެ މަސްއޫލުވެރިންވަނީ ސޮއިކުރައްވާފައެވެ. ޕާކިސްތާނުން ޗައިނާއާ ގުޅުންތައް ބަދަހިކުރަމުން ގެންދަނީ އެމެރިކާއާއި ޕާކިސްތާނުގެ ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އަނެއްކޮޅުން ޗައިނާއާއި ޕާކިސްތާނުން ޢަސްކަރީ ގުޅުންތައް ބަދަހިކުރަމުން ގެންދާތީ އިންޑިޔާވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. ނިޔުދިއްލީގައި ވާހަކަ ދައްކަވަމުން އިންޑިޔާގެ ދިފާޢީ ވަޒީރު އޭ.ކޭ. އެންތަނީ ވިދާޅުވީ ޗައިނާއިން ޕާކިސްތާނަށް އެއްފަހަރާ 50 ފައިޓަރ ޖެޓް ފޯރުކޮށްދިނުމަކީ އިންޑިޔާ ކަންބޮޑުވާކަމެއް ކަމަށާއި މިކަމާގުޅިގެން ޢަސްކަރީ ތިލަފަތް ހަމަހަމަ ކުރުމަށްޓަކައި އިންޑިޔާގެ ޢަސްކަރީ ބާރުތައް ވަރުގަދަ ކުރުމަށް އިންޑިޔާ ސިފައިންވެސް ޚާއްސަ ޕްރޮގްރާމްތަކެއް ރާވާނެކަމުގައެވެ.

އެންތަނީގެ ވާހަކަފުޅުގައި، ޕާކިސްތާނުން "ޓެރަރިސްޓުން" ނަށް ހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ވިދާޅުވެ އިންޑިޔާގެ މަސްއޫލުވެރިން ޕާކިސްތާނަށް ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރެއްވިއެވެ. އިންޑިޔާގެ މިތުހުމަތުތައް ޕާކިސްތާނުން ސިފަކުރަނީ ޕާކިސްތާނާ ދިމާކުރުމުގެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ.

މީގެބަދަލުގައި ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ދެކޮޅަށް އަނިޔާވެރި ލާއިންސާނީ ޢަމަލުތައް އިންޑިޔާ ހިންގަމުން ގެންދާ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރެއެވެ. އަދި ކަޝްމީރުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއަޅައި ކަޝްމީރާބެހޭ ގޮތުން އދ. ންފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒު ކުރުމުގެ ބަދަލުގައި އެޤަރާރުތަކަށް އިންޑިޔާ ގޮންޖަހަމުން ގެންދާ ކަމަށްވެސް ޕާކިސްތާނުން ތުހުމަތު ކުރެއެވެ. (ބީ.ބީ.ސީ)