02 Aug 2016, 15:17
ބާލިން (އޮގަސްޓް 2): ތުރުކީގެ ރައްޔިތުންނަށް އީޔޫގެ ގައުމުތަކަށް ވިސާއާ ނުލާ ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ބުނެ ތުރުކީން އީޔޫ ބްލެކްމެއިލް ނުކުރުމަށް ޖަރުމަނުގެ ވައިސް ޗާންސެލަރު، ސިގްމާ ގެބްރިއެލް ތުރުކީއަށް އިންޒާރު ދެއްވައިފި އެވެ.
ޔޫރަޕަށްދާ ރެފިއުޖީން މަދު ކުރުމުގެ ގޮތުން ތުރުކީ އާއި އީޔޫ އިން ހެދި އެއްބަސްވުމަށް ތުރުކީން އަމަލު ކުރަން ފެށުމުން އެގައުމަށް ދޭ އިނާޔަތްތަކުގެ ތެރޭގައި ތުރުކީގެ ރައްޔިތުންނަށް ވިސާއަކާ ނުލައި އީޔޫގެ ގައުމުތަކަށް ދެވޭނެ ގޮތް ހަމަޖައްސަ ދޭން އީޔޫ އިން އޮތީ ނިންމާފަ އެވެ.
ނަމަވެސް، ތުރުކީއަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެގައުމުގައި އަނެއްކާވެސް މަރުގެ އަދަބު ދޭން ވިސްނަމުން ދިޔުން ފަދަ ނިންމުންތަކާ ގުޅިގެންނާއި އެގައުމުގެ އެންޓި ޓެރާ ގާނޫނާ ބެހޭ ގޮތުން އީޔޫއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އަދި މިދިޔަ ހަފްތާ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓްރީން ވަނީ އޮކްޓޯބަރު މަސް އަންނަންވާ އިރަށް އެގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލާ ޔޫރަޕަށް ދެވޭ ގޮތް ހަމަޖައްސައި ނުދީފި ނަމަ އީޔޫއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާނެ ކަމަށް ބުނެފަ އެވެ.
ތުރުކީއަށް ރައްދު ދެއްވަމުން ވައިސް ޗާންސެލަރު ގެބްރިއެލް ވަނީ މަރުގެ އަދަބު ދިނުމަކީ އީޔޫގެ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ތުރުކީއިން އީޔޫގެ ގައުމުތަކަށް ވިސާއާ ނުލާ ވަންނަން ބޭނުން ނަމަ އެގައުމުން އީޔޫގެ ގަވާއިދުތަކަށް ބޯލަބަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ތުރުކީ އަކީ ވިސާއާ އެއްކޮށް ނުވަތަ ވިސާއަކާ ނުލައި އީޔޫގެ ގައުމުތަކަށް ދަތުރު ކުރާނެ ގައުމަކަށް ހެދުން އޮތީ އެގައުމުގެ އަތް މަތީގައި. ޖަރުމަނާއި ޔޫރަޕު އެއްވެސް ހާލަތެއްގައި ބްލެކްމެއިލްކޮށްގެން ނުވާނެ،" ވައިސް ޗާންސެލަރު ގެބްރެއިލް ވިދާޅުވި އެވެ.
އިޔޫއާއި ތުރުކީން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ގްރީސްއަށް ގަވާއިދާ ހިލާފަށް ހިޖުރަ ކުރާ މީހުން އެގައުމުގެ ހިމާޔަތަށް ނޭދޭ ނަމަ ނުވަތަ އެމީހަކަށް ހިމާޔަތް ދިނުމަށް ގްރީސްއިން ދެކޮޅު ހަދައިފި ނަމަ، އެ ރެފިއުޖީން ތުރުކީއަށް ފޮނުވާލެވޭނެ އެވެ. އަދި ތުރުކީއަށް އަނބުރާ ފޮނުވާލާ އެފަދަ ކޮންމެ ސީރިޔާ ރައްޔިތެއްގެ ބަދަލުގައި، ތުރުކީގައި މިހާރު ވަޒަންވެރިވެފައިވާ ސީރިޔާ ރައްޔިތަކަށް އީޔޫގެ ގައުމަކަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. (ބީބީސީ)