ދުންފަތުގެ ބާވަތްތައް އިސްތިހާރު ކުރުމަކީ ގާނޫނުން މަނާ ކަމެއް ނަމަވެސް މިފަހަކަށް އައިސް ވިއްކަމުންދާ ސިގިރޭޓު ފޮށިތަކާއެކު ދުންފަތް އިސްތިހާރު ކުރަން ފަށައިފި އެވެ.

"ކެމަލް" ބުރޭންޑުގެ ސިގިނރޭޓު ފޮށިތަކުގެ ތެރެއަށް ކުޑަ ލިޔުންކޮޅެއްލައިގެން މިހާރު ދަނީ އެޕުރޮޑެކްޓް އިސްތިހާރު ކުރަމުންނެވެ.

އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު "ސަން"އަށް ވިދާޅުވި އެއީ ކަނޑައެޅިގެން ގާނޫނާއި ހިލާފުކަމެއް ކަމަށާއި އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސް އެކަމަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ސީދާ ގާނޫނާއި ހިލާފު ކަމެއް، އަހަރެމެންނަށް އެނައުންސް ލިބިފައިއިނީވެސް، ފިޔަވަޅުއަޅާނެ،" ހަސަން ވިދާޅުވިއެވެ.

ދުންފަތް ކޮންޓުރޯލް ކުރުމުގެ ގާނޫނުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި އިސްތިހާރު ކުރުމަކީ މަނާކަމެއް ކަމަށްވީޔަސް ތަފާތު އެކިގޮތްގޮތަށް ދުންފަތް އިސްތިހާރު ކުރަމުން އަންނަ ކަމަށް ހަސަން ވިދާޅުވިއެވެ.

ދުންފަތް އިސްތިހާރު ކުރާއިރު އެކަން ނުހުއްޓިވާއިރު އާންމުތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ވަކި އުސޫލުތަކެއް ކަނޑައަޅައި އެގާނޫނަށް އަމަލުކުރަން ފަށާފައިވީނަމަވެސް އެންމެ އެދެވޭގޮތަށް އެގާނޫނުވެސް ތަންފީޒެއްނުވެއެވެ.