ނެދަލެންޑްސްގެ އަޔެކްސް އަށް ކުޅެފަމުންދިޔަ ޕޮލެންޑް ފޯވަޑް އާކަޑިއުޒް މިލިކް، އިޓަލީގެ ނަޕޯލީ އަށް ސޮއިކޮށްފި އެވެ.

ޔޫރޯ 2016ގައި ޕޮލެންޑް ޓީމުން ވިދާލި މިލިކް ނަޕޯލީއާ ގުޅުނު ކަން އަޔެކްސް އާއި ނަޕޯލީން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ނަޕޯލީގެ ރައީސް އޯރެލިއޯ ޑި ލޯރެންޓީސް ވަނީ މިލިކް އަށް މަރުހަބާ ކިޔުމުގެ ގޮތުން ޓުވީޓެއް ކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ މިލިކް ވަނީ ސްޓޭޑިއޯ ސެން ޕައޮލޯގައި އިއްޔެ ނީސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ބެލުމަށް ދަނޑަށް ވެސް ހާޒިރުވެފަ އެވެ.

ނަޕޯލީއާ ގުޅުނުކަން މިލިކްގެ މެނޭޖްމަންޓް ކުންފުނިން ކަށަވަރުކޮށްދީފައިވާ އިރު، އެ ކުންފުނިން ބުނާ ގޮތުގައި އޭނާ އެ ކްލަބަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ނަޕޯލީގައި އޭނާ ބޭނުންކުރާ 99 ނަންބަރުގެ ޖާޒީ ކަމަށް ވެސް އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

ނުވަދިހަ މިލިއަން ޔޫރޯގެ އަގަކަށް ނަޕޯލީ ދޫކޮށް ޔުވެންޓަސްއާ ގުޅުނު ގޮންޒާލޯ ހިގުއައިންގެ ބަދަލުގައި ގެނައި މިލިކް އެ ކްލަބަށް ސޮއިކޮށްފައިވަނީ 34 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.