02 Aug 2016, 12:00
އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވުމަށް ބްރެޒިލްގެ ސައޮ ޕައުލޯގެ ކޯޗު އެޑްގާޑޯ ބޫޒާ، ކޯޗުކަމުން ވަކިވެފައިވާކަން އެ ކްލަބުން ކަށަވަރުކޮށްދީފި އެވެ.
އެމެރިކާގައި މި އަހަރު ކުރިއަށްދިޔަ ކޮޕާ އެމެރިކާ އަށް ފަހު، އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ޖެރާޑޯ މާޓިނޭޒް ވަކިވުމާ ގުޅިގެން އެ މަގާމު އޮތީ ހުސްކޮށެވެ.
އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ބޫޒާ ހަމަޖެއްސިކަން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް، ސައޮ ޕައުލާ އިން ވަނީ އެކަން އިއުލާން ކުރުމަށް ބަޔާނެއް ނެރެފަ އެވެ.
"އާޖެންޓައިން ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ)ގެ ހުށަހެޅުން ބޫޒާ ވަނީ ގަބޫލުކޮށްފައި. އެހެންކަމުން ދެން އޭނާ ފެނިގެންދާނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި. ނަތީޖާއެއްގެ ގޮތުން ސައޮ ޕައުލޯގެ ކޯޗުކަމުން އޭނާ ވަކިވާނެ. ސީޒަން ފެށުނު އިރު ކޯޗުކަމުގެ މަގާމާ ހަވާލުވި ކޯޗު ބޫޒާ، މަގާމުން ވަކިވެފައިވަނީ ޓީމު ބިނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައި،" ސައޮ ޕައުލޯ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އާޖެންޓީނާ އަށް އުފަން ބޫޒާ އަކީ ދެކުނު އެމެރިކާގެ ފުޓްބޯޅައިގައި ކޯޗެއްގެ ގޮތުގައި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ސެން ލޮރެންޒޯ އަށް ދެކުނު އެމެރިކާގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބާޓަޑޯސް ކާމިޔާބުކޮށްދީފަ އެވެ.