ސިރާތު (އޮގަސްޓް 2): ލީބިޔާގައި އައިއެސްއިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް ވައިގެ ހަމަލާ ދޭން އެމެރިކާއިން އިއްޔެ ފަށައިފި އެވެ.

އެމެރިކާގެ ޕެންޓަގަން އިން ބުނި ގޮތުގައި ހަމަލާ ދޭން ފަށާފައި ވަނީ ލީބިޔާގެ ސަރުކާރު، ގަވަމެންޓް އޮފް ނެޝަނަލް އޮތޯރިޓީ (ޖީއެންއޭ)ގެ އެދުމުގެ މަތިންނެވެ. އަދި ޖީއެންއޭއާ ގުޅިގެން ހަމަލާތައް ދިނުން ހުއްޓާލާނެ ދުވަހެއް އަދި ނިންމާފައި ނުވާ ކަމަށް ޕެންޓަގަންއިން ބުންޏެވެ.

"[ހަމަލާ ދިނުން] ނިންމާލާނެ ދުވަހެއް އަދި ކަނޑައަޅާފައި ނެތް... ނަމަވެސް އަޅުގަނޑުމެން އުއްމީދު ކުރަން މާގިނަ ދުވަހަށް [ހަމަލާތައް] ދެމިގެން ދާން ނުޖެހޭނެ ކަމަށް،" ޕެންޓަގަންގެ ތަރުޖަމާނު ޕީޓާ ކުކް ވިދާޅުވި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ޖީއެންއޭ އިން އެމެރިކާގެ އެހީއަށް އެދިފައި ވަނީ ޖޫން 2015އިން ފެށިގެން އައިއެސްއިން ހިފާފައިވާ ސިރްތުން އެޖަމާއަތުގެ ހަނގުރާމަވެރިން ފޮނުވާލުމަށް ޖީއެންއޭއަށް ނުކުޅެދިފައިވާތީ އެވެ.

"ސިރްތުގައި އައިއެސްއިން ހަރަކާތްތެރިވާ ސަރަހައްދުކަށް އަމާޒުކޮށް އެމެރިކާއިން ވަނީ މިއަދު ފުރަތަމަ ފަހަރަށް ވައިގެ ހަމަލާތައް ދީފަ،" ލީބިޔާގެ ޓީވީތަކަށް ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ފަޔާޒް އަލް ސިރާޖު ވިދާޅުވި އެވެ.

މިދިޔަ މެއި މަހުން ފެށިގެން ސިރްތުން އައިއެސް ފޮނުވާލުމަށް ލީބިޔާ ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި 280 މީހަކު މަރުވެ، 1،500 މީހަކަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ. (އަލްޖަޒީރާ)