23:48 މުޒާހަރާ ނިންމާލިކަން އިއުލާންކޮށްފި އެވެ. މާދަރާ ރޭވެސް 9:00 ޖަހާއިރު މުޒާހަރާ ފަށާނެ ކަމަށް އިއުލާންކުރި އެވެ.

23:43 އެމްޑީޕީ މީހުންނާ މުޒާހަރާކުރާ މީހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން އެބަދެ އެވެ. ރައަޓް ފުލުހުން އެ ސަރަހައްދަށް ގޮސްފި އެވެ.

23:21 މުޒާހަރާ ކުރާ މީހުންގެ އަޑު އިތުރަށް ވަރުގަދަކޮށްފި އެވެ. އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު މުޒާހަރާއާ ދެކޮޅު ޝުއޫރު ފާޅުކުރަމުން އެބަދެ އެވެ. މުޅި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ޓްރެފިކް ޖޭމްވެފައި އެވެ.

22:28 މުޒާހަރާގެ ބައިވެރިން ތިބީ ޖަންކްޝަން ކަންމަތީގަ އެވެ. ޕޭވްމަންޓް މަތީ އެއް ބަޔަކު އިށީނދެގެން ތިބިއިރު، ބައެއް މީހުން ކޮޅަށް ވެސް އެބަތިއްބެވެ. މުޒާހަރާކުރާ މީހުން ދަނީ ތަކެތީގެ އަގުތިރިކުރަން ތަކުރާރުކޮށް ގޮވައިލަމުންނެވެ. އެ ސަރަހައްދުން ދުރަށް ދިޔުމަށް ފުލުހުން އިލްމާސް އެބަކުރެ އެވެ. ނަމަވެސް، ޕިކަޕެއްގައި ބަހައްޓައިފަ ހުރި ލައުޑް ސްޕީކަރަކުން ލަވަ ޖަހައިފަ، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުގައި އެބަ ތިއްބެވެ. މިހާރު ވަނީ އެ ސަރަހައްދުގައި ދިދަ ޖަހައިފަ އެވެ.

21:30 ތަކެތީގެ އަގާއި ކަރަންޓުގެ އަގު ތިރި ކުރުމަށް ގޮވާލައި މިރޭ އަނެއްކާ ވެސް މުޒާހަރާ ކުރަން ފަށައިފި އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އާޓިފިޝަލު ބީޗު ސަރަހައްދުން މިހާރު ނައްޓާލައިފަ އެވެ. ގައުމީ ދިދަ ހިފައިގެން އެމީހުން ކުރިއަށްދަނީ މަޖީދީ މަގުންނެވެ.

މިރޭ ވެސް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޗާނދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅު ކަންމަތީގައި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ. ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް މިރޭ މުޒާހަރާކުރަން ނުކުތް މީހުންގެ އަދަދު ވަރަށް މަދެވެ.