ސްވެންސަ ސިޓީއަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން އޭޝްލީ ވިލިއަމްސް ގެނައުމަށް އެވަޓަން އިން މަސަތްކަތް ފަށައިފިއެވެ.

ދަ ގާޑިއަން އިން ރިޕޯޓް ކުރި ގޮތުގައި އަށް އަހަރު ސްވެންސަ ސިޓީގައި ހޭދަކުރުމަށް ފަހު ވިލިއަމްސް މިހާރު ވަނީ އެވަޓަން އަށް ބަދަލުވުމަށް ތައްޔާރު ވެފައި ކަމަށާއި ފީއެއްގެ ގޮތުގައި ހޭދަކުރާނީ 10 މިލިއަން ޔޫރޯ ކަމަށެވެ.

ވިލިއަމް ހޯދުމަށް އެވަޓަން އިން މަސަތްކަތް ފެށާފައިވާއިރު ޑިފެންޑަރު ޖޯން ސްޓޯންސް އެ ޓީމް ދޫކޮށް މެންޗަސްޓާ ސިޓީއަށް ގުޅުމަށް މަސަތްކަތް ކުރާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި އަނިޔާގެ ސަބަބުން ފިލް ޖެގިލްކާ އަށް ވަނީ ޕްރީ ސިޒާން އެއްކޮށް ގެއްލިފައެވެ. އެހެން ކަމުން ޑިފެންސް ލައިން ވަރުގަދަ ކުރުމަށް ލޯ އަޅަމުން އަންނަ އެވަޓަންގެ އާ މެނޭޖަރު ރޮނާލްޑް ކޯމަން އަށް ވިލިއަމްސްއަކީ ވަރަށް ކަމުދާ ކުޅުންތެރި އެކެވެ.

ކޮންޓްރެކްޓްގައި އަދި ބައިކީ ދެ އަހަރު އޮތް ވިލިއަމްސްގެ ފުޓްބޯޅަ ކެރިއަރު ވޭލްސްގެ ސްޓޮކްޕޯޓް ކައުންޓީ އިން ފެށިއިރު އޭނާ ވަނީ 2008 ވަނަ އަހަރު ސްވެންސަ ސިޓީ އަށް ބަދަލުވެ އެ ޓީމަށް 346 މެޗު ކުޅެދީ 14 ގޯލު ވެސް ކާމިޔާބް ކޮށްދީފައެވެ.