ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އަވަސް އަރުވާލައިގެން ފާސްނުކުރާނެ ކަމަށް ބިލު ދިރާސާ ކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

އިއްޔެ އެކުލަވާލި އެ ކޮމެޓީގެ މުގައްރިރު ހަލީލު "ސަން"އަށް ވިދާޅުވީ އެ ބިލް އަވަސް އަރުވާލައިގެން ފާސްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި އެ ބިލު ފާސްކުރާނީ ވަރަށް ގިނަ ދާއިރާތަކެއްގެ ހިޔާލު ހޯދައިގެން ކަމަށެވެ. އޭގެ ތެރޭގައި މީޑިއާ އާއި ގުޅުން ހުރި ދާއިރާތަކާއި އެހެން ދާއިރާތައް ވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހުރީ ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާއިރު ބިލާއި ގުޅޭ ގޮތުން ވީހާވެސް ފުޅާދާއިރާއެއްގައި މިކަމާ ގުޅުންހުރި ދާއިރާތަކުގެ ހިޔާލުތައް ހޯދުމަށް ކޮމެޓީއަށް ދައުވަތު އަރުވަން،" ހަލީލު ވިދާޅުވިއެވެ.

އަބުރުގެ ބިލު މިހާރު ފަރުމާކޮށްފައިވާ ގޮތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ހަލީލް ވިދާޅުވީ ޔޫރަޕުގެ 17 ގައުމެއްގައި އެފަދަ ގާނޫނުތައް ހުންނައިރު ރާއްޖޭގައި ވެސް އެފަދަ ގާނޫނެއް އޮންނަންޖެހޭ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހައްދުފަހަނަ އަޅައިދާގޮތަށް އޮވެގެން ނުވާނެ ކަމަށެވެ.

އެ ކޮމެޓީގެ ދެވަނަ ބައްދަލުވުން މިއަދު ބޭއްވުމަށް ނިންމާފައިވާއިރު އެ ބައްދަލުވުމުގައި އެކޮމެޓީ ހިންގާނެ ގަވާއިދެއް އެކުލަވާލާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރުން ހަނިވާ ގޮތަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.