02 Aug 2016, 10:45
ޕެރިސް (އޮގަސްޓް 2) : ފަރަންސޭސި ސަރުކާރުން އެގައުމުގެ 20 މިސްކިތެއް ބަންދުކޮށް މިސްކިތްތަކުގެ އިމާމުންގެ ތެރެއިން 80 މީހުން މަގާމުން ދުރުކޮށްފިއެވެ.
ފަރަންސޭސި ދާޚިލީ ވަޒީރު ބާނަރ ކަޒްނޯވް ވިދާޅުވީ މިސްކިތްތައް ބަންދުކުރަންޖެހުނީ ހަރުކަށި ވިސްނުމުގެ މީހުން ނަހަމަގޮތުގައި މިސްކިތްތަކުގެ ބޭނުން ހިފަމުންދާތީ ކަމަށާ އިމާމުންނަށް ދީފައިވާ ލައިސަންސް ބާތިލްކުރަންޖެހުނީ ހަރުކަށި ކަންކަމަށް ގޮވާލާ އަދި ފިތްނައަށް މަގުފަހިވާ ދީނީ ޚިތާބުތައް ތައްޔާރުކޮށް ސީޑީ ފަދަ ތަކެތީގައި އެފަދަ ތަކެތި ބަހައި އިންޓަނެޓްގައި ޝާއިއު ކުރަމުން ގެންދާތީ ކަމުގައެވެ. ނަމަވެސް އެފަދަ އިމާމުން ގެންގުޅޭ ހަރުކަށި ވިސްނުމާއި ފިކުރަކީ ޖިހާދުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރު ދިނުންކަން ނުވަތަ ނޫންކަން ކަޒްނޯވް ސާފުކޮށްދެއްވާފައެއް ނުވެއެވެ.
ކަޒްނޯވް ވިދާޅުވީ ފަރަންސޭސި މިސްކިތްތަކުގައި އިމާމްކަން ކުރުމުގެ ލައިސަންސް ދެން ދޭނީ ފަރަންސޭސި ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ އިމާމުން ތަމްރީން ކުރުމުގެ ކޯސްތަކުގައި ބައިވެރިވެ އެކޯސްތަކުން ދަސްވެނިވާ އިމާމުންނަށް އެކަނި ކަމަށްވެސް ކަޒްނޯވް ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގެ މިސްކިތެއް
ފަރަންސޭސިވިލާތުގެ މުސްލިމުންގެ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކަޒްނޯވް ވިދާޅުވީ ހަރުކަށި އަމަލުތަކަށް ހިއްވަރުދޭ އަދި އެތެރޭގައި ފިތްނަ އުފައްދާ ހާލިތަކަކަށް ފަރަންސޭސިވިލާތުގެ މިސްކިތްތައް ހެދުމުގެ ފުރްސަތު ސަރުކާރުން ނުދޭނެ ކަމުގައެވެ. އަދި ފަރަންސޭސިވިލާތު މިސްކިތްތައް ވާންޖެހޭނީ އެގައުމުގައި އޮންނަ އިލްމާނީ (ދީނާއި ދައުލަތް ވަކިކުރުމުގެ) އުސޫލުތަކަށް އިހްތިރާމްކޮށްގެން ކަމަށާ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ އިމާމުން ތަމްރީން ކުރުމުގެ ކޯސްތަކުގެ މޮޑިއުލްތައް ބައްޓަން ކޮށްފައިވާނީ ދީނާއި ދައުލަތް ވަކިކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ކަޒްނޯވް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފަރަންސޭސިވިލާތުގެ މުސްލިމުންގެ ކައުންސިލްގެ ރައީސް އައްޝައިޚް އަންވަރު ކަބީބީޝް ވިދާޅުވީ އިސްލާމް ދީނަކީ ހަރުކަށި ކަމަށް ގޮވާލާ ދީނެއްނޫން ކަމަށާ އަދި މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި ފިތްނަ އުފެއްދުމުގެ އަމަލުތަކަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއްނޫން ކަމުގައެވެ. އަދި ފަރަންސޭސިވިލާތުގައި ޒަމާނުއްސުރެ އޮންނަ އިލްމާނީ ނިޒާމް ދީނާއި ދައުލަތް ވަކިކުރުމުގެ ނިޒާމަށް ފަރަންސޭސި މިސްކިތްތަކުގެ އިމާމުން އަހުލުވެރިވެ އެ ނިޒާމު ދަސްކޮށް އޭގެ ތާރީޚުގެ ތެރެއަށް ވަންނަންޖެހޭ ކަމަށާ ފަރަންސޭސިވިލާތްފަދަ ޣައިރު މުސްލިމް މުޖްތަމަޢެއްގައި މުސްލިމުންނަށް އަމާންކަމާއި އޮމާންކަމާއެކު ސުލްޙަވެރިކަމުގައި ޣައިރު މުސްލިމުންނާއެކު ދިރިއުޅެވޭނީ މިގޮތަށްކަމަށް އައްޝައިޚް އަންވަރު ކަބީބީޝް ވިދާޅުވިއެވެ.
ޝައިޚު އަންވަރު ވަނީ ފަރަންސޭސި ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ އިމާމުން ތަމްރީން ކުރުމުގެ ކޯސްތަކުގައި ބައިވެރިވުމަށް ފަރަންސޭސި މިސްކިތްތަކުގެ ހުރިހާ އިމާމުންނަށް އިލްތިމާސް ކުރައްވާފައެވެ.
ފަރަންސޭސިވިލާތަކީ ޔޫރަޕްގައި އެންމެ ބޮޑަށް މިނިވަންކަމުގެ ޝިޢާރުތައް އުފުލާ އަދި ހައްދު ފަހަނަޅާފައިވާ މިންވަރަށް ހުރިހާ ބާވަތެއްގެ މިނިވަންކަން އޮތުމަށް ޒަމާނުއްސުރެ ވަކާލާތުކުރަމުން ގެންދާ ގައުމެކެވެ. ނަމަވެސް އެގައުމުގައިވެސް ކުރުންމަނާ އެތަށް ކަމެއްވެއެވެ. އަދި ދެއްކުންމަނާ އެތަށް ވާހަކަތަކެއްވެސް ވެއެވެ. އަދި ގަބޫލުކުރުން މަނާ އެތަށް ފިކުރުތަކެއްވެސް ވެއެވެ. މީގެއިތުރުން ފަރަންސޭސިވިލާތުގެ މުއައްސަސާތަކާއި ތައުލީމް ދޭތަންތަނަށް މޫނު ބުރުގާ އަޅައިގެން ވަނުމަކީވެސް މަނާކަމެކެވެ. އަދި މޫނު ބުރުގާ އަޅައިގެން ހުރުމުން މަހްރޫމްވާ އެތަށް ޚިދްމަތްތަކެއްވެސް ވެއެވެ.

ފަރަންސޭސި މުސްލިމުންގެ ބަޔަކު އެގައުމުގެ މިސްކިތެއްގައި
ފަރަންސޭސި ސަރުކާރުން މުސްލިމުންނާމެދު އާދަޔާ ޚިލާފަށް ހަރުކަށިކަން ގެންގުޅެން ފަށާފައި މިވަނީ މިދިޔަ އަހަރާއި މިއަހަރު އެގައުމަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާތަކުގައި އެތަށް ބަޔަކު މަރުވުމާ ގުޅިގެންނެވެ. މިހަމަލާތައް ދިނުމުގައި ފަރަންސޭސި މުސްލިމުންގެ ތެރޭގައި ހިމެނޭ ހައްދު ފަހަނަޅާފައިވާ މަދުބަޔަކު ބައިވެރިވި ނަމަވެސް އެކަމުގެ މަލާމާތާއި ގޯނާ ފަރަންސޭސި ސަރުކާރުން އެގައުމުގެ ހުރިހާ މުސްލިމުންނަށް ރައްދުކުރެއެވެ.
ފަރަންސޭސި މުސްލިމުންގެ ތެރެއިން މަދުބަޔަކު ހަރުކަށިކަމާއި ޓެރަރިޒަމްގެ އަމަލުތަކާ ދިމާއަށްދަނީ އެގައުމުގެ މުސްލިމުންނަށް ފަރަންސޭސި ސަރުކާރުން އިހުމާލުވެ ތަފާތު ކުރުމާއި ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އެމީހުންނާމެދު މުއާމަލާތް ކުރުންފަދަ ހަރުކަށި ގޮތްތަކުގެ ސަބަބުންކަމަށްވަނީ ބެލެވިފައެވެ.
ފަރަންސޭސިވިލާތުގެ މުސްލިމުން ދިރިއުޅެނީ އެހެން ދީންތަކުގެ މީހުންނަށްވުރެ ހުރިހާ ގޮތަކުންވެސް ނިކަމެތި ހާލުގައެވެ. ވަޒީފާ ނުލިބުމާއި އާންމު ޚިދްމަތްތައް ނުލިބުމާއި އެކަށީގެންވާ ސިއްޙީ ޚިދުމާއި ތައުލީމު ނުލިބި މުޖްތަމައުގައި ބާކީވުންފަދަ ކަންކަން ފަރަންސޭސިވިލާތުގެ އެހެން ދީންތަކުގެ މީހުންނަށްވުރެ މާބޮޑަށް އެގައުމުގެ މުސްލިމުންނަށް ކުރިމަތިވެފައިވެއެވެ. އަދި ފަގީރުކަމުގެ ނިސްބަތްވެސް ފަރަންސޭސިވިލާތުގައި އެންމެ ބޮޑީ މުސްލިމުންގެ މެދުގައެވެ.
ފަރަންސޭސި މުސްލިމް ޒުވާނުންގެ މަދުބަޔަކު ހަރުކަށި ކަމާދިމާއަށްދަނީ އަދި އައިއެސް ޖަމާއަތުގެ ހައްދު ފަހަނަޅާފައިވާ ފިކުރުގައި ޖެހެނީ މިސަބަބުތަކާ ގުޅިގެން ކަމަށްބެލެވުނު ނަމަވެސް ފަރަންސޭސި ސަރުކާރުތަކުން ގެންދަނީ އެގައުމުގެ މުސްލިމުންނާމެދު ވެފައިވާ އިހުމާލު ގަބޫލު ނުކޮށް ހަގީގަތް ފޮރުވުމަށް މަސައްކަތްކޮށް ހުރިހާ ކަމެއް އައިއެސް އާއި އަލްގާއިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ބޮލުގައި އަޅުވައި އަމިއްލަ ޒިންމާއިން ރެކިގަތުމަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)