ވޮޝިންޓަން (އޮގަސްޓް 2): އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފައިވާ ހިލަރީ ކްލިންޓަންއަކީ އިބިލީސް ކަމަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ މީގެ ކުރިން ހިލަރީއާ ރިޔާސީ ރޭހުގައި ވާދަ ކުރެއްވި ބާނީ ސޭންޑާސް އަށް ފާޑު ވިދާޅުވަމުންނެވެ.

"އޭނާ [ސޭންޑާސް] ވަނީ އިބިލީހާއެކު އެއްބަސްވުމެއް ހަދާފަ. އޭނާ [ހިލަރީ] އަކީ އިބިލީސް،" ޕެނިސެލްވީނިއާގެ ސްކޫލެއްގައި އޮތް ކެމްޕެއިން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ހިލަރީއަކީ އިބިލީސްކަމަށް ދޭހަވާ ގޮތަށް ޓްރަމްޕް ވަނީ މީގެ ކުރިންވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ނަމަވެސް އިއްޔެ އަކީ ސީދާ އެފަދައިން ވިދާޅުވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ހިލަރީއަށް ފާޑު ވިދާޅުވެފައި ވަނީ، އިރާގު ހަނގުރާމައިގައި މަރުވި އެމެރިކާގެ މުސްލިމް ސިފައިންގެ މީހެއްގެ މަންމައާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވި ގޮތުން ރިޕަބްލިކަން ޕާޓީގެ ނުރުހުންވެސް އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

ޓްރަމްޕް ވަނީ ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަންގައި ކެޕްޓަން ހުމާޔަން ޚާންގެ ބައްޕަ، ޚިޒް ޚާން ވާހަކަ ދެއްކި އިރު ހުމާޔަންގެ މަންމަ، ގަޒާލާ ޚާން ވާހަކަ ދައްކާފައި ނުވަނީ އޭނާއަށް ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. ގަޒާލާ ޚާން ވަނީ ޓްރަމްޕަށް ރައްދުދީ، އޭނާ ވާހަކަ ނުދެއްކި ނަމަވެސް އޭނާގެ ވޭން މުޅި އެމެރިކާ އާއި ދުނިޔެއަށް އިހުސާސުވި ކަމަށް ބުނެފަ އެވެ.

ގަޒާލާގެ އިތުރުން ޙިޒް ޚާންވެސް ވަނީ ޓްރަމްޕްގެ ފާޑު ކިޔުންތައް ކުށްވެރިކޮށްފަ އެވެ. އަދި ގައުމަށްޓަކާ ގުރުބާންވެފައިވާ ދަރިއެއްގެ މަންމަގެ އިހުސާސު ދެނެ ނުގަނެވޭތީ ޓްރަމްޕަކީ "ކަޅު ހިތެއް ލިބިގެންވާ" މީހެއް ކަމަށް ބުނެފަ އެވެ. (ބީބީސީ)