25 May 2011, 20:27
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރިވިއު މިޝަންގެ ބޭފުޅުންނާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވުނު މަޝްވަރާތަކުގައި، އައިއެމްއެފް އެހީގައި ތިން އަހަރުގެ އިތުރު އިގުތިސާދީ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިކުރުމަށް ސްޓާފް-ލެވެލްގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެ ޖަމިއްޔާއިން ހާމަކުރުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަމަށް މަރުޙަބާ ކިޔައިފި އެވެ.
އައިއެމްއެފްގެ ރިވިއު މިޝަންގެ ބޭފުޅުން، މި މަހުގެ 10އިން 24އަށް ރާއްޖެއަށް ކުރި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު، ނެރުއްވި ބަޔާނުގައި، ރާއްޖޭގެ އިގުތިސާދަށް ގެނައުމަށް ސަރުކާރުން ހުށަހަޅައިފައިވާ ބަދަލުތަކުގެ ސަބަބުން، އިގުތިސާދު ހަމައަކަށްއެޅި، ހަރުދަނާވެގެންދާނެކަން ފާހަގަކޮށްފައިވެ އެވެ.
އައިއެމްއެފްގެ ބަޔާނާ ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ، ދެމެހެއްޓެނިވި ގޮތުގައި ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށް، ދަރަނި ކުޑަކުރުމަށާއި، އިގުތިސާދު ކުރިއެރުވުމަށާއި، ތަކެތީގެ އަގު މައްޗަށްދާ މިންވަރު ނުވަތަ އިންފްލޭޝަން ދަށް ކުރުމަށް، ހަރުދަނާ ފިޒިކަލް އަދި މަނިޓަރީ ސިޔާސަތެއް ހިންގުމުގެ މުހިންމުކަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި، އައިއެމްއެފްގެ މިޝަނުން ގަބޫލު ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ.
މީގެއިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ހުށަހަޅައިފައިވާ މެދު ރާސްތާގެ ސިޔާސަތުތަކުގެ މަގުސަދަކީ، ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ އަރަނި ދަށަށް ގެނައުމުގެ ހަރުދަނާ މަގެއް ތަނަވަސްކުރުން ކަމަށް ސަރުކާރުން ފާހަގަކޮސްފައިވާ ކަމަށް ވެސް އައިއެމްއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ މާނައަކީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއި، ރުހުމާއެކު ތަންފީޒުކުރެވިގެންދާނޭ ސިޔާސަތުތަކާއި، ހަރަދު ކުޑަކުރުމުގެ އިތުރު ސިޔާސަތުތަކާއެކު، ވަރަށް ބޮޑުތަނުން ޑެފިސިޓް ކުޑަވެގެން ދިޔުން ކަމުގައިވެސް އައިއެމްއެފްގެ ބަޔާނުގައި ބުނެ އެވެ.
އައިއެމްއެފްގެ ރިވިއު މިޝަންއާއި، ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު، އެހީގެ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިކުރުމަށް ސްޓާފް-ލެވެލްގައި ވެފައިވާ އެއްބަސްވުން ފުރިހަމަވާނީ، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ފާސްކުރުމުން ކަމަށާއި އެ ބޯޑުން ފާސްކުރުމުން އެ ކަމާބެހޭ ޕްރޮގްރާމެއް އައިއެމްއެފަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ދާނެ ކަމުގައި ވެސް އެބަޔާނުގައި ވަނީ ބުނެފައި އެވެ.