ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރު ރިލީޒް ކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޝަހެންޝާ" ގެ ރީމޭކް އެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް މިވަނީ ބުނެފަ އެވެ.

އަދި އެ ފިލްމުގައި އަމީތާބް އަދާކުރި ރޯލަށް، ރިތިކް ރޯޝަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އެގޮތުން އެ ރޯލު މިހާރު ރިތިކަށް ހުށަހަޅައިފައިވާ ކަމަށާއި، ރިތިކަށް އެ ރޯލު ކަމުގޮސްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް، "ޝަހެންޝާ"ގެ ރީމޭކް އާ ގުޅޭ ގޮތުން، އެ ފިލްމުގެ ޕްރޮޑިއުސަރު ނަރޭޝް މަލޯތުރާ އަދި ވަކި އެއްޗެއް ބުނެފަ އެއް ނުވެ އެވެ.

ރިތިކް ވަނީ މީގެ ކުރިން ވެސް އަމީތާބުގެ "އަގްނީޕަތު" ގެ ރީމޭކް ގައި ވެސް އަމީތާބުގެ ރޯލު އަދާކޮށްފަ އެވެ. ރިތިކް މިހާރު ތައްޔާރު ވަމުން އަންނަނީ އޯގަސްޓު ބާރަ ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "މޮހެންޖޯ ދާރޯ" އަށެވެ.