02 Aug 2016, 09:14
އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި، ފަސް މީހުންގެ ގްރޫޕަކުން އަންހެނަކާއި އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކޮށްލައިފި އެވެ.
އިންޑިއާ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހު އެ ހާދިސާ ހިނގާފައި ވަނީ ޕޮލިސް ސްޓޭޝަނަކާއި 100 މީޓަރު ކައިރީގަ އެވެ.
އަންހެން މީހާ އާއި އޭނާގެ ދަރިފުޅު ރޭޕް ކޮށްލާފައި ވަނީ އާއިލާ އާއެކު ޝާހްޖަހަންޕޫރަށް ދަނިކޮށް، އެމީހުން ދަތުރު ކުރަމުން ދިޔަ ކާރު ހުއްޓުވުމަށް ފަހު އެވެ.
އޭރު އެ ކާރުގައި ފިރިހެނުން ތިބި ނަމަވެސް، ދަގަނޑު ހޮޅިއަކުން ކާރަށް ހަމަލާދީ ބަޑިން ބިރުދައްކައި އޭގައި ތިބި ފިރިހެނުން ބަނދެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އަދި އެއަށްފަހު ކާރުގައި ހުރި ފައިސާ އާއި ގަހަނާ ފަދަ އަގުހުރި އެއްޗެހި ވަގަށް ނަގައި، އަންހެން މީހާ އާއި އޭނާގެ ދަރިފުޅު ގެންދިޔައީ ކަމަށްވެ އެވެ.
ހަބަރުތައް ބުނާ ގޮތުން، މަންމަ އާއި ދަރިފުޅު ރޭޕް ކޮށްފައި ވަނީ ފަސް މީހުންގެ ގްރޫޕަކުންނެވެ. އަދި ފުލުހުންނަށް އެ ދެމީހުން ސަލާމަތް ކުރެވުނީ، އެ ގްރޫޕުން ދެމީހުން ގެންގޮސް ރޭޕް ކުރަމުން ދިޔަތާ ތިން ގަޑި އިރު ފަހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕޮލިސް ސްޓޭޝަނަކާ އެހާ ކައިރީގައި އެފަދަ ބޮޑު ކަމެއް ހިނގައި ދިޔަ އިރު، ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްފައި ނުވާތީ، ހާދިސާ ހިނގި ވަގުތު ޑިއުޓީގައި ތިބި އަށް ފުލުހަކު ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
މިހާރު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ އިރު، ތުހުމަތު ކުރެވޭ 15 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.