02 Aug 2016, 00:39
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތީހާބު ބޭއްވުމަށް ތިން މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައި 21 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް މުހުލަތެއް ދީފިއެވެ.
އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިއުމާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ، އެކްސްކޯގެ ދައުރު އިތުރު ތިން މަސް ދުވަހަށް އިތުރުކޮށްދީފައެވެ. އިންތިހާބު ނުބޭއްވި އުފެދިފައިވާ މައްސަލައަށް ހައްލު ހޯދުމަށް އެމްބީއޭއިން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެހީއަށް އެދިފައެވެ.
އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނަރަލް އަހަމަދު މަރުޒޫގް (މަރޭ) 'ސަން' އަށް ވިދާޅުވީ، އެމްބީއޭ އާއި ސްޕޯޓްސް ކޮމިޝަނާއެކު ކުރެވުނު މަޝްވަރާތަކުން ތިން މެމްބަރުންގެ ކޮމެޓީއެއް މިއަދު އެކުލަވާލުމަށް ފަހު އިންތިހާބު ބޭއްވުމުގެ ހުރިހާ ކަމައް އެ ކޮމެޓީ އާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.
ތިން މެމްބަރުންގެ އެ ކޮމެޓީގައި ތިއްބަވަނީ އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އާއި އޮލިމްޕިކް ކޮމެޓީގެ ވައިސް ޗެއާމަން މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕި) އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސް އަބްދުﷲ ރަޝީދު އެވެ.
މަރޭ ވިދާޅުވީ 21 ދުވަހުގެ ތެރޭގައި އިންތިހާބު ނުބޭއްވިއްޖެ ނަމަ ދެން ކަންތައްކުރާނެ ގޮތެއް ނިންމާނީ އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭސަން (ފީބާ) އިން ކަމަށެވެ.
އެމްބީއޭގެ އެތެރޭގައި ޖެހިފައިވާ މައްސަލަތަކެއްގެ ސަބަބުން މިހާތަނަށް އަދި ވަނީ އިންތިހާބު ބާއްވާނެ ދުވަހެއް ވެސް އިއުލާނު ނުކުރެވިއެވެ.